ހުޅުމާލެ ބަނދަރުގައި އޮތް ލޯންޗެއްގައި އެއްޗެއް ގޮވައި ތިން މީހަކަށް އަނިޔާ ވެއްޖެއެވެ. އަނިޔާވި ތިން މީހުންނަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދެމުން އެބަގެންދެއެވެ.

ހުޅުމާލެ ހޮސްޕިޓަލްގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ވަރަށް ބޮޑަށް ފިހިފައިވާ ދެ މީހަކު މިއަދު ހެނދުނު 11:15 ހާއިރު ހުޅުމާލެ ހޮސްޕިޓަލަށް ގެނެސް ފަރުވާ ދޭން ފަށާފައިވާ ކަމަށެވެ.

"ދެމީހުންވެސް ވަނީ ފަސްޓް ޑިގްރީ ބާން އެއް ވެފައި. ދެމީހުންނަށް ވެސް އަންނަނީ އެމަޖެންސީ ރޫމުގައި ފަރުވާ ދެމުން" އޮފިޝަލް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ފިހިފައި ވަނީ އެމީހުންގެ ހަށިގަނޑުގެ ކިތައް އިންސައްތަ ކަން އަދި ދަންނަވަން ދަތި ކަމަށާއި، މައުލޫމާތު ލިބޭވަރަކުން ހިއްސާކުރާނެ ކަމަށެވެ.

ފުލުހުން ވިދާޅުވީ ހުޅުމާލޭ ލަކުޑި ޖެޓީގައި އޮތް އެމްޓީސީ އެކްސްޕްރެސް-1 ލޯންޗްގެ ޕެޓްރޯލް ޕަމްޕް ސްވިޗް ބަދަލު ކުރަން އުޅުމުގެ ތެރޭގައި ސްޕާކް ވެގެން ބާރު އަޑަކާއި އެކު ބެޓެރި ގޮވުމުގެ ސަބަބުން ތިން މީހަކަށް އަނިޔާ ވެގެން ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.

އަނިޔާވި ތިން މީހުންގެ ތެރެއިން ދެ މީހުންގެ މޫނާއި އަތް ފިހިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

މިއަދު ހިނގި ހާދިސާ އާއި ގުޅިގެން އެމްޓީސީސީ އިން އަދި އެއްވެސް އެއްޗެކޭ ނުބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހިޗޭ

    ޕެޓްރޯލް ސްޕާކްވެގެން ބެޓެރި ގޮވީ؟؟؟؟؟ ފުލުހުން ބުނީ އެހެންތަ؟

    3
    1
  2. އަފްލާ

    ﷲ ކމަކައް އިރާދަ ކުރައްވައިފި ނަމަ އެކަމެއްވާނެ މީހަކައް ނުހުއްޓުވޭނެ މިފަދަ ހާދިސާތައް ކޮންމެ ދުވަހަކު ކަނފަތަން އިވެނީ މީހެއްގެ ބާރެއްނޫވޭ އެއްވެސް ކަމެއްގަ އިބުރަތް ޙަސިލް ކުރެވޭނެތޯ؟