އުމްރާއަށް ގޮސް ކުރި ކ.އަތޮޅު ދިއްފުށީ އަންހެނަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

ގެއްލިގެން ހޯދަމުންދާ އަންހެން މީހާގެ އާއިލާ މެންބަރަކު މިއަދު "ވަގުތު" އަށް މައުލޫމާތު ދެމުން ބުނީ އޭނާގެ ދައްތަ މިދިޔަ ހޮނިހިރު ދުވަހުގެ ރެ އިން ފެށިގެން ގެއްލިފައިވާ ކަމަށެވެ.

"ހޮނިހިރު ދުވަހުގެ ރެއިން ފެށިގެން ދައްތަ ވަނީ ގެއްލިފައި. ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ދައްތަ އުމްރާ އަށް ދިޔައީ. ހައްޖު ކޯޕަރޭޝަނުން ވިދާޅުވަނީ ފުލުހުންނަށް ރިޕޯޓް ކޮށްގެން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް." މައުލޫމާތު ދިން މީހާ ބުންޏެވެ.

އޭނާ ބުނީ ފޮރިން މިނިސްޓްރީ މެދުވެރިކޮށް އޭނާގެ ދައްތަ ހޯދުމަށް މަސައްކަތް ކޮށްދިނުމަށް އެދުމުން އެމައުލޫމާތު ފޮރިން މިނިސްޓްރީ އާއި ހިއްސާކޮށް އޭނާގެ ދައްތަ ހޯދުމުގެ މަސައްކަތް ކުރަން ހައްޖު ކޯޕަރޭޝަނުން ބޭނުން ނުވާ ކަމަށެވެ.

"އެބޭފުޅުން ވިދާޅުވަނީ މިފަދަ ކަންކަމުގައި އޮންނަނީ ހޯދަން މަސައްކަތް ކުރުން ކަމަށް. ނަމަވެސް ރާއްޖެ އިން ބޭރުގައި ހިނގި ކަމަކަށް ވާތީ ފޮރިން މިނިސްޓްރީ މެދުވެރިކޮށް ކުރެވޭނެ ކަންތައްތަކެއް ހުންނާނެ ކަމަށް އަޅުގަނޑުމެން ގަބޫލު ކުރަނީ." އޭނާ ބުންޏެވެ.

ގެއްލިގެން ހޯދަމުން ދަނީ މެދު އުމުރުގެ އަންހެނެކެވެ. އޭނާ އާއި އެކު އޭނާގެ ފިރިމީހާ ވެސް އުމްރާއަށް ދިޔައެވެ.

އަންހެން މީހާ ގެއްލުނު ހާދިސާ އާއި ގުޅިގެން ހައްޖު ކޯޕަރޭޝަންގެ ބަހެއް ހޯދަން ކުރި މަސައްކަތް ވަނީ ކާމިޔާބު ނުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    އާއިލާއިން ބޭނުންވާގޮތަކަށްނޫން ހައްޖު ކޯޕަރޭޝަނާ ހައްޖު ގުރޫޕުތަކުން އަމަލު ކުރަންޖެހެނީ. ކަނޑައެޅިފަ އޮންނައުސޫލުން. އާއިލާޔަށް އެ އުސޫލުނުވެސް އެނގި އޮވެދާނެ. ހައްޖާއި އުމްރާގެ ކަންތަކުގަ ގެންގުޅޭ ވަކިއުސޫލުތަކަކާ ޕްރޮޓޮކޯލްތަކެއް އޮވޭ.

    25
    7
  2. ބުރޯ

    ސައޫދީގަ ފޮރިން މިނިސްޓްރީ ހުއްޓަސް ހައްޖާ އުމްރާ ވެރިންނާބެހޭ ގޮތުން ހުންނަނީ ވަކި މިނިސްޓްރީ އެއް ،އެގައުމުގާ ފުލުހުންނާ ސިފައިން ތިއްބަސް ހައްޖަ އުމްރާ ގެ އަޅުކަމާ ގުޅޭގޮތުންނާ ދެހަރަމް ފުޅުގެ ސަލާމަތި ރައްކާތެރިކަމަށް ވަކިން ފުލުހުންނާ ސިފައިންތިބޭ. ވީމާ މިކަންކަން ހިގާނީ ހައްޖު މިނިސްޓްރީގެ ތެރެއިން.