ހދ މަކުނުދޫގައި ހުރި ކުޑަ މިސްކިތަކީ އެރަށުގައި ހުރި އެންމެ ދުވަސްވީ ބިނާއެވެ. މި މިސްކިތް ބިނާ ކުރެއްވި ތާޜީޚް ކަމަށްވަނީ 16 ޞަފަރު 1359ހ (26 މާރޗް 1940 ގައެވެ).

މަކުނުދޫ ކުޑަ މިސްކިތް ހަދާފައިވަނީ ވެލިގަލުން އުވަޖަހާ އެތެރޭގައި ހުނި ލައިފައެވެ. މަތިވަޑާންގަނޑު ހަދާފައިވަނީ ހައިވަކަރު ލަކުޑިން ލާފެންނުކޮށެވެ. މިސްކިތް ފުރާޅުގައި ހުރީ އީޓެވެ. މި މިސްކިތުގެ ދިގުމިނަކީ 34 ފޫޓު 5 އިންޗިއެވެ. ފުޅާމިނަކީ 16 ފޫޓު 10 އިންޗިއެވެ. މި މިސްކިތުގެ ދޮރުމަތީގައި ތާރީޚެއް ޖަހާފައި ވެއެވެ. އެ ތާޜީޚަކީ ހިޖުރައިން 1359 ވަނަ އަހަރުގެ ޞަފަރު މަހުގެ 16 ވަނަ ދުވަހެވެ. އެ ތާރީޚަކީ ކޮން ތާރީޚެއް ކަމެއް އެނގޭކަށް ނެތެވެ.

ބުނެވޭ ގޮތުގައި މިސްކިތް ވަޑާންގަނޑު ހަދާފައިވާ ލަކުޑި އަކީ މިސްކިތް ބިނާކުރެވެމުން ދިޔަ ދުވަސްވަރު ހޮވާފައިވާ ލަކުޑިއެވެ. މިސްކިތް ބޭރުގައި ދިދަ ދަނޑިއެއްވެސް ހުރެއެވެ. މި މިސްކިތް ބިނާކުރެވުނު ކަމަށް ޤަބޫލުކުރެވެނީ ކާސިން ކަތީބު ވެރިކަމުގައެވެ. މިސްކިތް ބިނާ ކޮށްފައިވަނީ ރައްޔިތުންގެ އަމިއްލަ ޚަރަދުގައެވެ. މި މިސްކިތުގެ ބޮޑު މިނަކީ 1153.17 އަކަފޫޓެވެ.

ރާއްޖޭގައި އާޘާރީ އެތައް ބިނާ އެއް ހުރިއިރު، ގިނަ ތަންތަން ވަނީ އެއްވެސް އަޅާލުމެއް ނެތި ވީރާނާވާން ދޫކޮށްލެވިފައިކަން ފާހަގަ ކުރެވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު