ގދ. އަތޮޅުގެ ފަޅުރަށެއް ކަމަށްވާ ހުލުވަރޮލުގައި 149 ކިލޯގެ މަސްތުވާތަކެތި ވަޅުލާފައި ހުއްޓާ ފެނުނު މައްސަލައާއި ޑްރަގް ޓްރެފިކް ކުރަން އުޅުނު އިރާން ބޯޓުގެ މައްސަލާގައި ހިމެނޭ ފަރާތްތަކުގެ ނަންތައް ފުލުހުން މިއަދު އާންމު ކޮށްފިއެވެ.

މިއަދު އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ އެ މީހުންގެ ފޮޓޯ އާއި ވަނަވަރު އާއްމުކޮށްފައެވެ.

ހުޅުވާރުލުން ފެނުނު މަސްތުވާތަކެތީގެ މައްސަލާގައި ފަސް މީހަކު ހައްޔަރުކޮށްފައި ވެއެވެ. އަދި އިރާން ބޯޓުގެ މައްސަލާގައި ބޯޓުގައި ތިބި ހަތް މީހަކު ހައްޔަރުކޮށްފައިވާއިރު، އެއީ އިރާންގެ ހަ މީހަކާއި ޕާކިސްތާނުގެ މީހެކެވެ.

ހުލުވާރުލު މަސްތުވާތަކެތި މައްސަލާގައި ހައްޔަރުކުރި މީހުންނަކީ ގދ. ގައްދޫ، އެދުރުގެ، އަހުމަދު ހަލީލް 42، ގއ. ކޮނޑޭ، ރޮމޭންސް ޝަފީޒް މުހައްމަދު 35، ގއ. ނިލަންދޫ ފިރްޝާންވިލާ އަލީ ޝާކިރު 30، ގއ. ކޮނޑޭ ގަހާކޯޅި އަހުމަދު އަނިލް 34 އަދި ގދ. ގައްދޫ އެދުރުގެ ޔާމިހް ހާލިދު 23 އެވެ.

އިރާން ބޯޓުގެ މައްސަލާގައި ހައްޔަރުކުރި މީހުންގެ ތެރޭގައި ޝާ ނަވާޒް 34 އަކީ ޕާކިސްތާނަށް ނިސްބަތްވާ މީހާއެވެ. ދެން ތިބީ އީރާންއަށް ނިސްބަތްވާ މީހުންވެެ، އެ މީހުންނަކީ ހަބީބު 27، ޔޫސުފް 51، ރަހުމަތުﷲ 48، ސައީދު 46، އަބްދުﷲ 28ގެ އިތުރުން ޚާލިދު ބަލޫދީ 45 އެވެ.

މި ދެ މައްސަލާގައި ހިމެނޭ އެންމެންވެސް މިހާރު ތިބީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ. އަދި ހުޅުވާރުލުން ފެނުނު މަސްތުވާތަކެއްޗާއި އިރާނުގެ ބޯޓުން އަތުލައިގަތް މަސްތުވާތަކެއްޗާ އެއްވެސް ގުޅުމެއް ވާކަމަށް މިހާތަނަށް ފާހަގަކުރެވިފައިވާ ނުވާކަމަށް ފުލުހުން ވިދާޅުވިއެވެ.

ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގެ ހެޑް ސްޕިޓެންޑެންޓް އޮފް ޕޮލިސް އަހްމަދު ޝާކިރު ވިދާޅުވީ، ހުލުވާރޮލުން މަސްތުވާތަކެތި ފެނުނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ 150 މޭލު ބޭރުން މަސްތުވާތަކެއްޗާ އެކު ލޯންޗެއް ދަތުރު ކުރާ ކަމުގެ މައުލޫމާތު ފުލުހުންގެ އިންޓެލިޖެންސްއަށް ލިބުުނު މައުލޫމާތަކާއި ގުޅިގެން ފުލުހުން ފެށި އޮޕަރޭޝަންގައި ބަޔަކު ހައްޔަރު ކުރުމަށްފަހު އެ މީހުންގެ ގާތުން ހޯދި މައުލޫމާތުގެ އަލީގައި ކަމަށެވެ.

ޝާކިރު ވިދާޅުވީ، އީރާންގެ މި ބޯޓަކީ މި ސަރަހައްދުގެ ގައުމުތަކަށް ޑްރަގް ސަޕްލައި ކުރުމުގެ މަސައްކަތް ކުރަމުންދާ ބޯޓެއް ކަމުގެ މައުލޫމާތު ފުލުހުންގެ އިންޓެލިޖެންސަށް ލިބިފައިވާ ކަމަށެވެ.

އަދި މިހާރު އެ ބޯޓު އޮތީ އެއްކޮށް ބަލާފާސްކޮށްފައި ކަމާއި، އިތުރަށް އެ ބޯޓުގައި މަސްތުވާތަކެތި ރައްކާކޮށްފައި ނެތްކަމުގެ ޔަގީންކަން ފުލުހުންނަށް ލިބިފައިވާ ކަމަށް ޝާކިރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. Anonymous

    މާދަމާ ދޫކޮއްލާނެ

    42
    4
  2. ގޮލަދޫމިލަ

    މުޅިންވެސް ހުވަދޫ އަތޮޅު މީހުން.

    4
    1
  3. ދދދދދދދ

    ފަލާހް ހައްޔަރު ކުރާކަށް ނުކެރުނެއްނު. ނުކެރޭނެ. ނުކެރޭނެ.

  4. ލައި

    މިވެރިކަމުގަ މަސްތުވާ ތަކެތި އެތެރެވާވަރު.. ހާދަގިނައޭ..

    10
    1
  5. ފާތިމާ

    އެތެރެވާ ވަރު ގިނައިީކީ ނޫން އަތުލާ ވަރު ގިނައީ... 🙂

    3
    1