ސްރީލަންކާގައި ދިރިއުޅޭ ދިވެހިންނަށް ރައްކާތެރި މާހައުލެއް ކަށަވަރުކުރުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ސްރީލަންކާގެ ފޮރިން މިނިސްޓަރ ތިލަކް މަރަޕަނާ ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ލަންކާގެ އާރމީގެ ވެރިޔާ އިންޑިއާގެ ޓީވީ ޗެނަލަކަށް ދެއްވި އިންޓަރވިއުއެއްގައި ދިވެހިރާއްޖެއާއި ބެހޭ ގޮތުން ދެއްކެވި ވާހަކަފުޅުތަކާއި ގުޅޭ ގޮތުންނާއި، ސްރީލަންކާގެ މަސްރަހާއި ގުޅޭ ގޮތުން ފޮރިން މިނިސްޓަރ ޝާހިދުއާ ފޯނުން ގުޅުއްވާ ކުރެއްވި މަޝްވަރާގެ ތެރެއިންނެވެ.

މިނިސްޓަރ ޝާހިދުގެ ވާހަކަފުޅުގައި ސްރީލަންކާގައި ދިރުއުޅޭ އަދި އެޤައުމަށް ދަތުރުކުރާ ދިވެހިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފިޔަވަޅުތައް އަޅުއްވައިދެއްވުމަށް އެދިވަޑައިގަތެވެ. އަދި ސްރީލަންކާއަށް ދިމާވެފައިވާ މިޙާލަތުގައި އެޤައުމުގައި ތިބި ދިވެހި ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކާއި ބެހޭ ގޮތުންވެސް ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.

ލަންކާގެ ފޮރިން މިނިސްޓަރ ތިލަކް މަރަޕަނާގެ ވާހަކަފުޅުގައި، ސްރީލަންކާގެ އެކި ސަރަހައްދުތަކުގައި އެޕްރީލް މަހުގެ 21 ވަނަ ދުވަހު ދިން ޓެރަރިސްޓް ޙަމަލާތަކާއި ގުޅިގެން ލަންކާގައި ދިރިއުޅޭ ދިވެހިންނަށް ރައްކާތެރި މާހައުލެއް ކަށަވަރުކުރުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދަށް ވަނީ ދެއްވާފައެވެ.

އަދި ހަމަ އެދުވަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ޚާއްސަ މަންދޫބެއްގެ ގޮތުގައި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއަރޒް އަހުމަދު ޚަލީލު ފޮނުއްވިކަން ފާހަގަކުރައްވައި އެކަމަށް ޝުކުރު ދެންނެވިއެވެ. އަދި މީގެ އިތުރުން އެޙަމަލާތަކަށްފަހު ސްރީލަންކާއަށް އެންމެ ފުރަތަމަ ވަޑައިގެންނެވި ބޭރު ޤައުމެއްގެ އެންމެ އިސްވެރިޔަކީ ރާއްޖޭގެ ފޮރިން މިނިސްޓަރކަން ފާހަގަކުރައްވައި، އެމަނިކުފާނަށް ޝުކުރު އަދާކުރެއްވިއެވެ.

އިންޑިއާ ކަނޑުގެ ސަރަހައްދަކީ ޓެރަރިޒަމްގެ އަމަލުތަކުން އަމާންކަން ލިބިގެންވާ ސަރަހައްދަކަށް ހެދުމަށް ކުރަމުންދާ މަސައްކަތުގައި ސަރަހައްދުގެ އެހެން ޤައުމުތަކާއި ގުޅިގެން ދިވެހިރާއްޖެއިން އަބަދުވެސް މަސައްކަތްކުރަމުންދާނެކަމުގެ ޔަޤީންކަން ސްރީލަންކާގެ ފޮރިން މިނިސްޓަރަށް މިނިސްޓަރ ޝާހިދު ވަނީ މިއަދުވެސް އަރުވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. - ސޭނަ

    ދިވެހިންނަކީ މުސްލިމުން. ކަލޭމެން މުސްލިމުން ގަޔަށް ބޮލަށް އަރަން ފުރުސަތަކަށް ބަލަބަލާ ތިއްބާ ލިބުނު ރަނުގެ ފުރުސަތު ބޭނުން ކުރަނީނު ތި. އަމިއްލަ ގައުމަށް ނިސްބަތްވާ މުސްލިމުންނަށް ތާއަބަދު ކުރާ ގޯނާ ނޭނގޭ ބަޔަކު ތިބީތަ؟

    18
  2. ސުވޭބު

    އަޖައިބުވެ އަންތަރިސްވެއްޖެ! ލަންކާމީހުންކުރި ކަމެއްގަ އަހަރުމެން ދިވެހިން ކީއްތަކުރީ؟ ހުސް ލަންކާ މީހުން ކުރިކަމެއްގަ ލަންކާމީހުންގެ ވާހަކަ ދައްކަބަލަ. ހަމަ އިރުކޮޅަކާ ދިވެހިރާއްޖޭގެ ވާހަކަ. އެތަކެއްބައިވަރު ލަންކާ އާއިލާތަކަކަށް ލާރިދީގެން އަދި އެތައް ލަންކާމީހުނަށް ރާއްޖެ އިން ވަޒީފާ ދީގެން މިއުޅެނީ. އެކަމަކުވެސް ލަންކާ އިން އަހަރުމެނާދިމާލަށް މި ބުނަނީ "ބަލާ ގަންޑޯނޭ" ..... ވައި ވީ މޯލްޑިވިއަންސް.

  3. ޒާ

    ބޮޑުންގެ ބޮޑުވާހަކަތަކުން ފޮނިކަނޑާފައި ނިންމާލީ. ހަރާމް ވާކަމެއް. ދިވެހިންނަށް އެއްކަމެއްވެސް ރަނގަޅެއްނުވޭ. ފުރައްސާރަ ކުރުން ވަރަށް ބޮޑު. އެއާޕޯރޓްގައިވެސް އަމަލު ކުރަނީ އިހާނެތިކޮށް.