ރައްޔިތުން މަޖިލިސް އިންތިޚާބާއި ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީން) ތަޙްޤީޤުކޮށްފައިވާ އިންތިޚާބީ ކޮރަޕްޝަންގެ ހަތަރު މައްސަލައެއް ދަޢުވާ ކޮށްދިނުމަށް ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފިއެވެ.

އޭސީސީން މިއަދު ބުނީ، މަޖިލީހުގެ އިންތިޚާބާ ގުޅޭގޮތުން އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަޙްޤީޤުކުރި އިންތިޚާބީ ރިޝްވަތުގެ މައްސަލަތަކުގެ ތެރެއިން 16 މައްސަލަ ތަޙްޤީޤުކޮށް ނިންމައިފިއެވެ.

މި މައްސަލަތަކަކީ، ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ގުޅޭގޮތުން އޭސީސީއިން އިސްނަގައިގެން އަދި އެކި ފަރާތްތަކުން އޭސީސީއަށް ހުށަހަޅާފައިވާ ޝަކުވާތަކާ ގުޅިގެން އެ ކޮމިޝަނުން ތަޙްޤީޤުކޮށްފައިވާ މައްސަލަތައް ކަމަށް އޭސީސީން ބުންޏެވެ.

އެގޮތުން، ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާގުޅޭ އިންތިޚާބީ ކޮރަޕްޝަންގެ ޖުމްލަ 22 މައްސަލަ އެ ކޮމިޝަނުން ތަޙްޤީޤުކޮށްފައިވާއިރު މި މައްސަލަތަކުގެ ތެރޭގައި ހިމެނެނީ އެ ކޮމިޝަނުން އިސްނަގައިގެން ބަލަން ފެށި 10 މައްސަލައާއި، އެކި ފަރާތްތަކުން ހުށަހެޅި ޝަކުވާތަކާ ގުޅިގެން ބަލަން ފެށި 12 މައްސަލައެވެ.

އޭސީސީން ބުނީ، ކޮރަޕްޝަންގެ 22 މައްސަލައިގެ ތެރެއިން މިހާތަނަށް ޖުމްލަ 16 މައްސަލައިގެ ތަޙްޤީޤު މަރުޙަލާ ނިމިފައިވާއިރު، މީގެތެރޭގައި ހިމެނޭ ދަޢުވާކުރެވޭ މިންވަރަށް ހެއްކާއި ޤަރީނާހުރިކަމަށް ބެލެވޭ މައްސަލަތަކުގައި ދަޢުވާކުރުމާ ގުޅޭގޮތުން ޕްރޮސިކިއުޓަރޖެނެރަލްގެ އޮފީހާއެކު އޭސީސީއިން ޑިއުޓީ ޕްރޮސިކިއުޝަން މަރުޙަލާ ފުރިހަމަކުރަމުންދާ ކަމަށެވެ.

އެގޮތުން، ޑިއުޓީ ޕްރޮސިކިއުޝަން ކުރިއަށްދަނީ 04 މައްސަލައެއްގެއެވެ. ހަމައެއާއެކު، އިންތިޚާބީ ކޮރަޕްޝަންގެ އިތުރު 06 މައްސަލައެއް ކޮމިޝަނުން ދަނީ ތަޙްޤީޤުކުރަމުންނެވެ.

އިންތިޚާބުތަކާ ގުޅިގެން ހުށަހެޅޭ ރިޝްވަތާބެހޭ މައްސަލަތައް ބަލައި ތަޙުޤީޤުކުރަންވާނީ އެންޓި-ކޮރަޕްޝަން ކޮމިޝަނުންނެވެ.