ކ.ހިންމަފުއްޓަށް ހުޅުވާލައިގެން ބޭއްވި ލައިފް ގުރުއާން މުބާރާތުގެ ޝަރަފްވެރި އެއްވަނަ އައިޝަތު ފިރާޝާ ހޯދައިފިއެވެ.

ލައިފް, ހެޕީ މާކެޓް, އައިބީސީ ގުޅިގެން ކ.ހިންމަފުށީގައި ކުރިއަށް ގެންދިޔަ މި ގުރުއާން މުބާރަތް ނިންމާލައި ވަނަ ވަނަ އަށް ދިޔަ ފަރާތްތަކަށް އިނާމާއި ހަދާނީ ލިޔުން ދިނުމަށް ރޭ ހިންމަފުށީ ސްކޫލު ހޯލުގައި ބޭއްވި ރަސްމިޔާތުގައި ވަނީ ވަނަވަނަ އަށް އައި ފަރާތްތަކާއި އިނާމު ހަވާލުކޮށްފައެވެ.

މުބާރާތުގެ ދެވަނަ އަހުމަދު އަބްސަލް ޔޫސުފް ހޯދިއިރު, ތިންވަނަ ހޯދީ މުހައްމަދު ވިއާމް ލަތީފެވެ.

ލައިފް ޤުރުއާން މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތު – ފޮޓޯ: މުހައްމަދު އަފްޒަލް

މި މުބާރާތުގައި އެކި އުމުރުފުރާތަކުން ބަލައިގެން އަދި ނުބަލާ ކިޔެވުމުން އެވަނަ ދެވަނަ އަދި ތިންވަނަ ހޯދި ކުދިންނަށް ވެސް ވަނީ އިނާމުދީފައެވެ.

މުބާރާތް ނިންމާލުމުގެ ރަސްމިޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަ ދައްކަވަމުން އިންޓަނޭޝަނަލް ބެވަރޭޖަސް ކޮމްޕެނީ (އައިބީސީ) ގެ ސީއީއޯ އަލީ އިހުސާން ވިދާޅުވީ މިމުބާރާތް އިތުރަށް ފުޅާކޮށް މުޅިރާއްޖެއަށް ހުޅުވާލެވިގެން ވަރަށް ކުލަގަދަގޮތެއްގައި ކުރިއަށް ގެންދިއުމަށް ވިސްނަމުން ދާކަމަށާއި ކީރިތި ގުރުއާނަކީ އަޅުގަނޑުމެން އެންމެންގެ ހިތްތަށް އަލިކޮށްދޭ އަލިގަދަ ނޫރެއް ކަމަށެވެ.

"އިސްލާމްދީނުގައި ވެސް ގުރުއާން ކިޔެވުން ލަހައްޓަވާފައިވަނީވެސް ވަރަށް މާތް މަގުސަދެއްގައި, މުޅި ހިންމަފުއްޓަށް ހުޅުވާލައިގެން މިފަދަ ބޮޑު މުބާރާތެއް ބޭވުމަކީ މި ރަށަށް އަދި އަޅުގަނޑުމެން އެންމެންނަށް ލިބޭ ބޮޑު ކުރިއެރުމެއް" އިހުސާން ވިދާޅުވިއެވެ.

ލައިފް ޤުރުއާން މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތު – ފޮޓޯ: މުހައްމަދު އަފްޒަލް
ލައިފް ޤުރުއާން މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތު – ފޮޓޯ: މުހައްމަދު އަފްޒަލް

މި މުބާރާތުގައި ބަލައިގެން ކިޔެމުގެ ބައިގާ 43 ބައިވެރިން އަދި ހިތުން ކިޔެވުމުގެ ބައިގާ 10 ބައިވެރިން ބައިވެރިވެފައިވެއެވެ.

މި މުބާރާތުގެ މަގުސަދަކީ ހިންމަފުށީގައި ދިރިއުޅޭ ފަރާތްތަކުގެ ހިތްތަކުގައި ކީރިތި ޤްރުއާނާއި މެދު އޮންނަ ލޯބި އިތުރުކޮށް ޤްރުއާން ކިޔެވުމުގެ ޝައުޤުވެރިކަން އުފެއްދުމާއި ތަޖުވީދުގެ ހަމަތަކާއި އުޞޫލުތަކާއި އެއްގޮތްވާ ގޮތުގެމަތިން ކީރިތި ޤުރްއާން ކިޔަވަން ދަންނަ ބަޔަކަށް ހެދުމެވެ.