ހިއުމަން ރައިޓްސް ކޮމިޝަނުގެ ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމް (އެން.ޕީ.އެމް) އިން ހުޅުމާލޭގައި އަލަށް ހުޅުވި ޑިޓެންޝަން ސެންޓަރ މޮނިޓަރިންގ އަށް ޒިޔާރަތެއްކޮށްފިއެވެ.

އެ ކޮމިޝަނުން ވިދާޅުވީ މި ޒިޔާރަތުގެ މައިގަނޑު މަޤްސަދަކީ ހުޅުމާލެ ޑިޓެންޝަން ސެންޓަރުގެ ހާލަތު ދެނެގަތުމާއި، މި ސެންޓަރުގައި ހުކުމް ތަންފީޛު ކުރަމުންދާ ޤައިދީންނާއި ރާއްޖެއިން ފުރުވާލެވެންދެން މި ސެންޓަރުގައި ބަންދުކޮށްފައިވާ ބިދޭސީންނަށް އެ މީހުންނާ ދޭތެރޭ އެއްވެސް އަނިޔާވެރި، ލާއިންސާނީ ނުވަތަ ދަށުދަރަޖައިގެ ޢަމަލެއް ހިނގާތޯބެލުމާއި، ދަޢުލަތުގެ ބެލުމުގެދަށުގައި ބައިތިއްބާފައިތިބޭ މީހުންނަށް ލިބިދީފައިވާ އިންސާނީ ހައްޤެއް ގެއްލޭފަދަކަމެއް ހިނގާތޯބަލުމަށް ކަމަށެވެ.

މި ޒިޔާރަތުގައި ސެންޓަރުގައި ބަންދުކޮށްފައިވާ ފަރާތްތަކަށް ލިބިދޭންޖެހޭ ޙައްޤުތައް ކަށަވަރުކުރެވިފައިވާ މިންވަރު ދެނެގަތުންވެސް ހިމެނިފައިވާ ކަމަށް އެކޮމިޝަނުން ބުނެފައިވެއެވެ.

އެ ކޮމިޝަނުން ބުނެފައިވަނީ މި ޒިޔާރަތުގައި އިސްލާޙުކުރަންޖެހޭ ކަމެއް ފާހަގަކުރެވިއްޖެނަމަ އެކަން ކަމާގުޅޭ އިދާރާތަކުގެ ސަމާލުކަމަށް ގެނެސްފައިވާނެކަމަށެވެ.

އަދި މި ޒިޔާރަތަށް ފަހު ކޮމިޝަނުން އާންމުކޮށް ޢަމަލުކުރަމުންދާ އުޞޫލުގެމަތިން، ޒިޔާރަތުގައި ފާހަގަކުރެވުނު މުހިންމު ކަންކަމުގެ މައްޗަށް އެކުލަވާލާ ރިޕޯޓު ހުޅުމާލެ ޑިޓެންޝަން ސެންޓަރާއި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އާއި މޯލްޑިވްސް އިމިގްރޭޝަނާއި އަދި ކަމާގުޅޭ އެހެނިހެން އިދާރާތަކާއި ޙިއްޞާކޮށް ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމާއި، ހުށަހަޅާފައިވާ ހުށަހެޅުންތަކާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އެ ފަރާތްތަކާއެކު ބައްދަލުވުމެއް ބާއްވައި، މި ރިޕޯޓުގެ ހުށައެޅުންތައް ތަންފީޛުވަމުންދާ މިންވަރު ދެނެގަތުމަށް، ލިޔުމުން އަހަރަކު ދެ ފަހަރު ފޮލޯއަޕް ހަދަމުން ދާނެކަމަށް ހިއުމަން ރައިޓްސް ކޮމިޝަނުން ބުނެފައިވެއެވެ.

ހުޅުމާލެ ޑިޓެންޝަން ސެންޓަރަށް މި ކޮމިޝަނުން އެންމެފަހުން ޒިޔާރާތްކޮށްފައިވަނީ 2018 ވަނަ އަހަރުގައެވެ.