ރާއްޖެއަށް ހަމަލާ އެއް ދޭން އުޅޭ ކަމުގެ އިންޒާރެއް ލިބިފައި ނުވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ވަނީ، މިދިޔަ އޭޕްރިލް މަހުގެ 21 ވަނަ ދުވަހު ލަންކާއަށް ދިން ހަމަލާތަކަށްފަހު ރާއްޖޭގެ ސަލާމާތީ ކަންކަން ވަރުަގަދަ ކުރުމުގެ ގޮތުން ދިވެހި ފުލުހުންނާއި ދިވެހި ސިފައިން ގުޅިގެން ސިލްސިލާ ތަމްރީންތަކެއް ފަހެއް މެއި 2019 ވަނަ ދުވަހުން ފެށިގެން ކުރިއަށްގެންދާ ކަމަށެވެ.

އަދި ކުރިއަށްގެންދާ މި ފަރިތަކުރުންތަކުގެ މަގްސަދަކީ ކުއްލި ހާލަތުގައި އެކި މުވައްސަސާތައް ގުޅިގެން މަަސައްކަތް ކުރާނެ ގޮތާއި، އަދި "މަލްޓި އެޖެންސީ ކޯޑިނޭޝަން" ރަނގަޅު ކުރަން ޖެހޭ އެންމެހާ ކަންކަން ކުރުން ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ، މި ތަމްރީނުގެ ދެވަނަ ބައި މިރޭ 22:00 ގައި ފަށާފައިވާކަމަށެވެ.

"މިއީ އެއްވެސް ދިމާލަކުން ލިބުނު އިންޒާރަކާއި ގުޅިގެން ހިންގަން ފެށި ފަރިތަ ކުރުންތަކެއް ނޫންކަން ދަންނަވަމެވެ". އެމްއެންޑީއެފްގެ ބަޔާނުގައި ވެއެވެ.

އަދި މިއީ ފުލުހުން 2019 އިން 2024އަށް އެކުލަވާލެވުނު ސްޓްރެޓީޖިކް ޕްލޭންގެ ޕްރައޯރިޓީއެއް ކަމުގައިވާ އޮޕަރޭޝަން ރަޑީނެސްގެ ދަށުން ކުރަން އިސްކަންދީފައިވާ ކަންތައްތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަަމަށް ފުލުހުންގެ ބަޔާނުގައި ވިދާޅުވެފައި ވެއެވެ.

އިތުރަށް އެ ބަޔާނުގައި ވިދާޅުވެފައި ވަނީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޝައްކު އުފެދޭ އެއްވެސް ކަމެއް ފާހަގަކުރެވޭނެމަ ލަސްނުކޮށް ފުލުހުންގެ ހޮޓްލައިން 119 އަށް ނުވަތަ ނޭޝަނަލް ކައުންޓަރ ޓެރެރިޒަމް ސެންޓަރގެ ހިލޭ ގުޅޭ ނަމްބަރު 1615އަށް ގުޅާ ރިޕޯޓް ކުރުމަށް ވަނީ އެދިފައެވެ.

"ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރަން ޖެހޭ ކަންކަން މޯލްޑިވްސް ޕޮލިސް ސާވިސް އިން ކުރާނެކަމުގެ ޔަގީންކަން އަރުވަމެވެ". ފުލުހުންގެ ބަޔާނުގައި ވެއެވެ.

އަދި މީސް މީޑިއާގައި ތެދު ނޫން މައުލޫމާތުތައް ނުފެތުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޒަހީން

    ކަލޯ ރައްޔިތުންނަށް އަދިވެސް އޮޅުވާލާ އޮޅުވާލާ. ދެން ކީއްވެޔޯ ސަރުކާރުގެ ހުރިހާ ބޮޑުންނަށް ހިމާޔަތް ދީގެން ތިއުޅެނީ. މިރޭގަ ބާއްވަން ހަމަޖެހިފައިވާ ހުރިހާ ޖަލްސާ ތަކާއި ބައްދަލުވުންތައް ކެންސަލްކުރީ ކީއްވެގެންނޯ

    35
  2. އޮރެންޖު

    މުޅިން އޮޅުވާލުން. ކަމެއް ނެތްނަމަ ކީއްވެޔޯ ކިރިޔާވެސް މަޢުލޫމާތެއް ލިބޭ އިރަށް އަންގަން އެބުނަނީ.

    25
  3. މަސްވެރިޔާ

    ރާއްޖޭއަށް ނުވަތަ އެހެން އެއްވެސް ޤައުމަކަށް ޓެރރިސްޓް ހަމަލާއެއްދޭނީ ކިހިނަކުން ކޮންގޮތަކަށްކަން ނޭގޭ. މިފަދަ ނުރައްކާތެރި ހަމަލާމިދެނީ ހުސްއެކަނި ޤައުމުގެ މީހުންނަށް ނޫން، ސިފައިންނާއި ފުލުހުންގެ ތަމްރީނުތައް ވީހާވެސް ފުޅާކުރަންވީ. އަދި ޖާސޫސީ މަސައްކަތަށް އިތުރު އިދާރާއެއް އުފައްދަންވީ. މިޒަމާނުގައި މިފަދަ ކަންކަންކުރަނީ ވަރަށް ރޭވުންތެރިކަމާއެކު.

    29
  4. ޢަހްމދު

    ދެން މިއޮއްފަދަ ރޯދަމަހުގައި ސިފައިންނާއި ފުލުހުން ގަނަތަޅުވަނީ ކީއްވެތޯ ތެދުބުނުއްވާ މީރޯދަމަސް

    11