ތަމްރީނުތައް ކުރިއަށްގެންދަނީ ހުޝިޔާރުވެ ހުނަރުވެރިކަމާއެކު ރެސްޕޮންޑް ކުރަން ޖެހޭ ހާލަތްތަކުގައި ސިފައިންނާއި ފުލުހުން ގުޅިގެން ހަަރަކާތްތެރިވުމުގެ ގާބިލްކަން އިތުރު ކުރުމަށް ކަމަށް ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރ (އެންސީޓީސީ) އިން ވިދާޅުވެއްޖެއެެވެ.

އެންސީޓީސީން ނެރުނު ބަޔާނެއްގައި ވަނީ ރާއްޖޭގެ ސަލާމަތީ ހިދުމަތްތަކުން ތައްޔާރީ ހާލަތު އިތުރަށް ވަރުގަދަ ކުރުމަށްޓަކައި ސަލާމާތީ ހިދުމަތްތަކުން ކުރިއަށްގެންދާ ތަމްރީންތަކާއި ފަރިތަ ކުރުންތަކަކީ ޓެރަރިޒަމް ނުރައްކާތަކަށް ހުޝިޔާރުވެ ހުނަރުވެރިކަމާއެކު ރެސްޕޮންޑް ކުރަން ޖެހޭ ހާލަތްތަކުގައި ސިފައިންނާއި ފުލުހުން ގުޅިގެން ހަަރަކާތްތެރިވުމުގެ ގާބިލްކަން އިތުރު ކުރުމަށްޓަކައި ކަމަށެވެ.

އެގޮތުން މިރޭ 22:00 އިން ފެށިގެން މާދަމާ ހެނދުނު 6:00 އާއި ހަމައަށް ފުލުހުންނާއި ސިފައިން ގުޅިގެން ފަރިތަ ކުރުންތައް ކުރިއަށްގެންދާކަމަށް އެންސީޓީސީން ވިދާޅުވިއެވެ.

"ޓެރަރިޒަމް ނުރައްކާތަކުން ސަލާމަތްވެ ދިވެހި ރާއްޖޭގެ ކްރިޓިކަލް އިންފްރާސްޓްރަކްޗަރތަކާއި، މުދަލާއި، ފަރުދުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ސަލާމަތީ ހިދުމަތްތަކާއި ގުޅިގެން މި ކުރާ މަސައްކަތުގައި އެންމެހާ ލޮބުވެރި ރައްޔިތުންގެ އެއްބާރުލެއްވުމާއި އެހީތެރިކަމަކީ ވަރަށް މުހިންމު ބައެކެވެ". އެންސީޓީސީގެ ބަޔާނުގައި ވެއެވެ.

އަދި ރާއްޖޭގެ އެއްވެސް ސަރަހައްދެއްގައި ޝައްކު ކުރެވޭ ފަދަ މައުލޫމާތެއް ލިބިއްޖެނަމަ 1615 އަށް ގުޅާ މައުލޫމާތު ދެއްވުމަށް ވަނީ އެދިފައެވެ. އަދި ސަލާމާތީ ހިދުމަތްތަކާއިވެސް އެ މައުލޫމާތު ހިއްސާ ކުރުމަށް އެންސީޓީސީން އެދެއެވެ.