ބައެއް ސަރަހައްދުތަކަަށް މިރޭވެސް ބޯކޮށް ވާރޭވެހެނެ ކަމަށް ލަފާކޮށް ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ވައިޓް އެލާޓް ނެރެފިއެވެ.

މިރޭ 3:00 އިން ފެށިގެން މާދަމާ ހެނދުނު 9:00 ޖެހުމާއި ހަމައަށް ނެރެފައިވާ އެ އެލާޓްގައި ބުނެފައި ވަނީ ހއ. އަތޮޅުން ފެށިގެން މ އަތޮޅާއި ދެމެދުގެ ރަށްތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށެވެ.

އިއްޔެ ރާއްޖޭގެ އެކި ކަންކޮޅުތަކަށް ކުރި ވިއްސާރާގައި ބައެއް ރަށްތަައް ފެންބޮޑުވެ ގެއްލުންތަކެއް ވަނީ ލިބިފައެވެ.

މާދަމާ ހެނދުނު 6:00 ޖެހުމާއި ހަމައަށް މޫސުން ލަފާކޮށް މެޓް އޮފީހުން ބުނެފައި ވަނީ، ދެކުނާއި މެދު ތެރޭގެ ހިސާބުތަކަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށެވެ. އަދި ބައެއް ރަށްތަކަށް ގުގުރާނެ ކަމަށްވެސް މެޓް އޮފީހުން ލަފާކޮށްވާއިރު، އުތުރުގެ އަތޮޅުތަަކަށް ކެރީގެ އަސަރު ފޯރާނެކަމަށްވެސް މެޓް އޮފީހުން ބުނެފައި ވެއެވެ.

މީގެ އިތުރުން އުތުރުގެ އަތޮޅުތަކަށް ފަސް މޭލާއި 13 މޭލާއި ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެ ކަމަށާއި، އެހެން ހިސާބުތަކަށް ގަޑިއަކު އަށް މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް މެޓް އޮފީހުން ބުނެފައި ވެއެވެ.

އަދި ވިލާގަނޑުގައި 40 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށްވެސް މެޓް އޮފީހުން ބުނެފައި ވެއެވެ.

މެޓް އޮފީހުން ބުނީ، ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށާއި، ދެކުނާއި މެދު ތެރޭގެ އަތޮޅުަކަށް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށެވެ.