އެމްއެންޑީއެފް އާއި ފުލުހުން ގުޅިގެން ކުރިއަށް ގެންދިޔަ ތަމްރީނުތައް މިއަދު ހެނދުނު ނިންމާލައިފިއެވެ.

މިތަމްރީނުތައް ފެށީ މިމަހުގެ 21 ވަނަ ދުވަހު އިރުއޮއްސި 18:00 ގައެވެ. ތަމްރީނުތައް ނިންމާލަން ކުރިން ނިންމާފައި އޮތީ މިއަދު ހެނދުނު 06:00 ގައެވެ. ނަމަވެސް އެމްއެންޑީއެފް އިން ވިދާޅުވީ ތަމްރީންތައް ނިންމާލީ މިއަދު ހެނދުނު 09:00 ގައި ކަމަށެވެ.

މި ތަމްރީނުތަކުގެ ފަރިތަކުރުންތައް ކުރިއަށް ގެންގޮސްފައި ވަނީ މާލެ ސިޓީގެ އިތުރުން ރާއްޖޭގެ އަތޮޅުތަކުގެ އެއްގަމާ ކަނޑުގެ ސަރަހައްދުގައެވެ. މި ތަމްރީނުތަކުގައި އެމްއެންޑީއެފާއި ފުލުހުން ގުޅިގެން އެއްގަމާއި ކަނޑުގެ އުޅަނދުތައް ޗެކްކުރުން ވެސް ކުރިއަށް ގެންގޮސްފައި ވެއެވެ.

އަދި މި ތަމްރީންތައް ކުރިއަށް ދިޔައިރު ސިފައިން ހަތިޔާރާއި އެކު ހަރަކާތްތެރިވެފައިވެއެވެ.

ސަލާމަތީ ބާރުތަކުން މިތަމްރީންތައް ފެށީ ރާއްޖެއަށް ނިރުބަވެރި ހަމަލާއެއް އަމާޒުވެދާނެ ކަމުގެ އިންޒާރު ލިބިފައިވާ ކަމަށް ބުނެ މީސް މީޑިއާގައި މެސެޖްތަކެއް ދައުރުވަމުން ދަނިކޮށެވެ. ނަމަވެސް ފުލުހުންނާއި ސިފައިން ބުނީ ތަމްރީންތައް ފެށީ ވަކި ހާއްސަކަމެއް ދިމާވެގެން ނޫން ކަމަށާއި އެފަދަ އިންޒާރެއް ލިބުނު ނަމަ އެކަން ސިއްރު ނުކުރާނެ ކަމަށެވެ.

މިދިޔަ މަހު ސްރީލަންކާގައި ދިން ބޮމުގެ ހަމަލާތަކާއި ގުޅިގެން ކުއްލި ހާލަތަކަށް ތައްޔާރުވުމަށްޓަކައި ސިފައިންނައި ފުލުހުން މިމަހުގެ ކުރީކޮޅު ވެސް ހަތިޔާރާއި އެކު ހާއްސަ ތަމްރީންތަކެއް ކުރިއަށް ގެނދިޔައެވެ.

ލަންކާގައި ދިން ހަމަލާ އަށް ފަހު ރާއްޖޭގެ ސަލާމަތީ ފިޔަވަޅުތައް ވެސް ވަރުގަދަ ކޮށްފައިވާ ކަމަށް ސަރުކާރުން ކުރިން ވަނީ ވިދާޅުވެފައެވެ.