"ވަގުތު" ގައި ގެނެސްދިން ޚަބަރުތަކަކާއި ގުޅިގެން ރައްޔިތުން މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަޙުމީ (އިންތި) ގެ ކިބައިން މަޢާފަށް އެދުމަށާއި އަދި އެއަށް ފަހު "ވަގުތު" ގައި އޭނާގެ ކިބައިން މަޢާފަށް އެދޭކަން އެނގޭނޭގޮތަށް ޚަބަރެއް އާއްމު ކުރަން މީޑިއާ ކައުންސިލުން "ވަގުތު" އަށް އެންގި އެންގުން ބާތިލް ކޮށްދިނުން އެދި "ވަގުތު" އިން ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅައިފިއެވެ.

"ވަގުތު" ގެ ޤާނޫނީ ވަކީލް އަލްއުސްތާޛް އާދަމް ޝަމީމް ވިދާޅުވީ ސިވިލް ކޯޓަށް މީޑިއާ ކައުންސިލްގެ މައްސަލަ ހުށަހެޅީ އިމްތިޔާޒް ހުށަހެޅި ޝަކުވާގެ މައްސަލަ މީޑިއާ ކައުންސިލުން ބައްލަވައި "ވަގުތު" އާއި މެދު ފިޔަވަޅު އެޅުމަށް ނިންމާފައިވަނީ މޯލްޑިވްސް މީޑިއާ ކައުންސިލުގެ ޤާނޫނާއި، އެ ޤާނޫނުގެ ދަށުން ހަދާފައިވާ މޯލްޑިވްސް މީޑިއާ ކައުންސިލުގެ ގަވާއިދު ގައި ކަނޑައަޅާފައިވާ އިޖުރާޢަތްތަކާއި، ޑިއު ޕްރޮސެސްގެ އުޞޫލުތަކާއި ޚިލާފަށް ކަމަށްވާތީ ކަމަށެވެ.

އެ މައްސަލަ ބެލުމުގައި މީޑިއާ ކައުންސިލުން ހިންގާފައިވާ އެންމެހާ އިޖުރާޢަތުތަކާއި، އެ މައްސަލަ ބަލައި "ވަގުތު" އާމެދު މެދު ފިޔަވަޅު އެޅުމުގެ ގޮތުން މީޑިއާ ކައުންސިލުން "ވަގުތު" އަށް ފޮނުވާފައިވާ ސިޓީއާއި، އެ ސިޓީން އަޅާފައިވާ ފިޔަވަޅު ބާޠިލުކޮށްދިނުމަށް "ވަގުތު" ގެ ދައުވާ ގައި ވަނީ އެދިފައެވެ.

ފަހަކަށް އައިސް މީޑިއާ ކައުންސިލް އިން "ވަގުތު" އާއި މެދު "ހާއްސަ އުސޫލަކުން އަމަލުކޮށް" ޒާތީ ގޮތުން ބައެއް ފިޔަވަޅުތައް އެޅުމަށް މަސައްކަތް ކުރަމުން ގެންދާތީ "ވަގުތު" އިން ވަނީ ޝަރުޢީ ދާއިރާ މެދުވެރިކޮށް މީޑިއާ ކައުންސިލްގެ މައްސަލަތައް ބެލުމަށް ހާއްސަ މަސައްކަތްތަކެއް ފަށާފައެވެ.