ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމަށާއި ރައްޔިތުން މަޖިލީހުގެ ނައިބު ރައީސް ކަމަށް އެމްޑީޕީން ނެރޭނެ މެންބަރަކު ކަނޑައަޅަން މި މަހުގެ 27 ވަނަ ދުވަހު އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގައި ވޯޓް ނަގަން ހަމަޖައްސައިފިއެވެ.

އެދުވަހު އެމްޑީޕީގެ ޕީޖީ ލީޑަރާއި ޕީޖީގެ އެހެން މަގާމުތަކަށް މެންބަރުން އައްޔަން ކުރުން ވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމަށް އެމްޑީޕީން ޝައުގުވެރިކަން ފާޅުކޮށްފައިވަނީ، ވިލުފުށި ދާއިރާގެ އިންތިހާބީ މެންބަރު ހަސަން އަފީފް އާއި މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް އާއި އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް އާއި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމުއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް އެންމެ ރަނގަޅީ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައި ވަނީ ރައީސް ޞާލިހް ވަނީ ރައްޔިތުން މަޖިލީހުގެ ރައީސް ކަމަށް އެންމެ ރަނގަޅީ ވިލުފުށީ ދާއިރާގެ އިންތިޚާބީ މެންބަރު ހަސަން އަފީފް ކަމަށް ރޭ ވިދާޅުވެފައެވެ.

ރައީސް ޞާލިހް، އަފީފަށް ތާއިދު ކުރައްވާކަން ހާމަކުރެއްވުމާއި އެކު އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީ އިން ވެސް ވަނީ އަފީފަށް ތާއިދު ކުރާކަން ހާމަކޮށްފައެވެ. ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖޭޕީ އިން އަދި މަޖިލިސް ރައީސް ހޮވުމުގައި ވޯޓްގައި ތާއިދު ކުރައްވާނެ ބޭފުޅެއް އިއުލާނެއް ނުކުރެއެވެ.

މަޖިލީހުގެ މެންބަރުން ހުވައި ކުރުމާއި މަޖިލީހުގެ ރައީސް އާއި ނައިބު ރައީސް ހޮވުން އޮންނާނީ ބުދަ ވިލޭރޭ ގައެވެ.