ދިވެހި ރާއްޖެއަށް އެއްވެސް ޤައުމެއްގެ ނުވަތަ އެއްވެސް ކަހަލަ ނުރައްކަލެއް އޮތް ނަމަ، އެކަން ރައްޔިތުންނަށް އޮޅުއްފިލުވައިދެއްވުމަށް، މި ސަރުކާރުގެ ކިބައިން ނިހާނު އެދިވަޑައިގެންފިއެވެ.

ޕްރޮގްރެސިވް ކޯލިޝަންގެ ފަރާތުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން، ޕީއެންސީގެ ނައިބު ރައީސް، އަޙުމަދު ނިހާނު ވިދާޅުވީ، މާލޭގެ އެތައް ސަރަހައްދެެގައި، ހަތިޔާރާއި އެކު ސިފައިން ފޯރި މަރަމުން ދާ ކަމަށާއި، މިކަމުގައި ފޮރުވިފައި އެއްވެސް ކަމެއް ވާނަމަ އެކަން ދިވެހި ރައްޔިތުންނަށް ސާފުވާން ޖެހޭ ކަމަށެވެ.

"އަޅުގަނޑުމެންނަށް އެބަ ފެނޭ މުޅި މާލެ ހިމެނޭ ސަރަހައްދުގަ، ހަތިޔާރާއި އެކު ސިފައިން ފޯރިމަރަމުން ގެންދާކަން. މިކަމުގައި އެއްވެސް ކަމެއް ފޮރުވިފައިވާނަމަ އެކަން ސާފުވާން އެބަ ޖެހޭ. މި ޤައުމަށް އެއްވެސް ބައެއްގެ ފަރާތުން ނުވަތަ އެއްވެސް ޤައުމެއްގެ ފަރާތުން ނުރައްކަލެއް އޮތް ނަމަ، އެކަން ވީ އެންމެ އަވަހަކަށް ސާފުކޮށްދެއްވުމަށް އަޅުގަނޑު މި ސަރުކާރަށް ގޮވާލަން." ނިހާނު ވިދާޅުވިއެވެ.

ނިހާނު މިހެން ވިދާޅުވެފައި ވާއިރު ރާއްޖޭގައި ހުންނަ ސްރީ ލަންކާގެ އެމްބަސީ ކައިރީގައި އެސްއޯ ފުލުހުން ވަނީ ފޯރިމަރަންވެސް ފަށާފައެވެ.

ފުލުހުން ބުނެފައި ވަނީ ލަންކާގެ އެމްބަސީ ކައިރީގައި ސެކިއުރިޓީ ވަރުގަދަ ކުރީ ލަންކާގައި ދިން ބޮމުގެ ހަމަލާތަކައި އެ ގައުމުގައި އޭގެ ފަހުން ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ކަމަށެވެ.

ރާއްޖެގައި ހުންނަ އެމްބަސީތަކުގެ ސަލާމަތީ ކަންކަން ކުރިއަށްވުރެ ބޮޑަށް ރަނގަޅު ކޮށްފައިވާ އިރު، ލަންކާއަށް ދިން ހަމަލާއާ ގުޅިގެން އެގައުމުގެ މަސްލަހަތު ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. އަދި ހަމަލާތަކާ ގުޅިގެން ލަންކާގައި ދިރިއުޅޭ ދިވެހިންނަށްވެސް ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ އިރު، އެ ކަންކަން ސާފުކޮށްދީ، ރާއްޖޭއާ ދޭތެރޭ ދައްކާ ޒިންމާދާރުކަން ކުޑަ ވާހަކަތައް ނުދެއްކުމަށް ފޮރިން މިނިސްޓްރީން ވަނީ ލަންކާއަށް ދަންނަވާފައެވެ.