ރާއްޖޭގެ ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ރާއްޖޭގެ ހެލްތު މިނިސްޓްރީ އާއި ކިއުބާގެ މިނިސްޓްރީ އޮފް ޕަބްލިކް ހެލްތުއާއި ދެމެދު ފަހުމުނާމާ އެއްގައި ސޮއިކޮށްފިއެވެ.

މި ފަހުމާނާމާގައި ސޮއިކޮށްފައިވަނީ ސްވިޒްލޭންޑްގެ ޖެނީވާގައި މިހާރު ކުރިއަށްދާ "ވާރލްޑް ހެލްތު އެސެމްބްލީ" ގެ 72 ވަނަ ބައްދަލުވުމުގެ ހަވާސާގެ ތެރެއިން މިނިސްޓަރ އޮފް ހެލްތު އަބްދުﷲ އަމީން ކިއުބާގެ މިނިސްޓަރ އޮފް ޕަބްލިކް ހެލްތު ޑރ. ހޯޒޭ އެންޖަލް ޕޯޓަލް މިރަންޑާއާއިކުރެއްވެވި ބައްދަލުވުމުގެ ތެރެއިންނެވެ.

މި ފަހުމުނާމާގެ ދަށުން ދެފަރާތް ގުޅިގެން ޑޮކްޓަރުން ރެކްރޫޓް ކުރުމާއި، އިންސާނީ ވަސީލަތް ތަރައްގީ ކުރުމާއި، ބޭހާއި ކާބޯތަކެތި ޓެސްޓް ކުރުމާއި، މައިކްރޯ ބަޔޮލޮޖިކަލް ޓެސްޓްތަކާއި، ކެމިކަލް އަދި އެންވަޔަރަންމަންޓަލް ލެބޯރަޓޮރީ ޓެސްޓްތަކުގެ ހިދުމަތްތަކަށް އެހީތެރިކަން ފޯރުކުރުމަށް އެއްބަސްވެފައިވެއެވެ.

މީގެ އިތުރުން މި ބައްދަލުވުމުގައި ކިއުބާ ސަރުކާރުން ދރާއްޖެއަށް ދެމުންދާ އެހީތެރިކަމަށް ވަނީ ޝުކުރު އަދާކޮށްފައެވެ.

އަދި ރާއްޖޭގެ ސިއްޚީ ދާއިރާ ހަރުދަނާކުރުމަށް ޓްރެއިނިންގެ އިތުރު ފުރުސަތު ހޯއްދަވާދެއްވުމަށް މިނިސްޓަރ އަމީން ވަނީ އެދިވަޑައިގަންނަވާފައެވެ. އަދި މީގެ އިތުރުން ޑޮކްޓަރުންނާއި ނަރުހުންގެ ސްޕެޝަލައިޒޭޝްން ތަމްރީން ޕްރޮގްރާމްތަކުގެ ފުރުސަތު ހޯދުމަށް މިބައްދަލުވުމުގައި މަޝްވަރާކުރެވުނެވެ.

މި މިބައްދަލުވުމުގައި މިނިސްޓަރގެ އިތުރުން ޖެނީވާގައި ހުންނަ ދިވެހިރާއްޖޭގެ މިޝަންގެ ޕަރމަނަންޓް ރެޕްރެޒެންޓެޓިވް ޑރ. ހާލާ ހަމީދާއި މިނިސްޓްރީ އޮފް ހެލްތުގެ އިސްބޭފުޅުންނާއި، ޖެނީވާ މިޝަންގެ އިސް މުވައްޒަފުން ވަނީ ބައިވެރިވެލައްވާފައެވެ.