ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށި ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފިއެވެ.

މިއަދު މެންދުރު މުސްތަފާ ފުލުސް އޮފީހަށް ހާޒިރުކުރީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 28 ވަނަ ދުވަހު ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ރައްޔިތުން ނިކުމެ ރައީސުލްޖުމްހޫރިއްޔާ މަގާމުން ބޭރުކޮށް ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ވައްޓާލުމަށާއި ޣައިރު ގާނޫނީ އަމަލެއް ހިންގުމަށް ރައްޔިތުންނަށް ހިތްވަރު ލިބޭ ގޮތަށް ވާހަކަ ދެއްކި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައެވެ.

މިމައްސަލާގައި މީގެ ކުރިންވެސް މުސްތަފާ ފުލުހުންގެ އިދާރައަށް ހާޒިރުކޮށްފައިވެއެވެ.

މުސްތަފާ ފުލުސް އޮފީހަށް ހާޒިރުކުރިއިރު ވެރިކަން ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އަހްމަދު އާއި މައްޗަންގޯޅީ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސިނާންގެ އިތުރުން ދަނގެތީ ދާއިރާގެ މެމްބަރު ފާރިސް މައުމޫން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

އަދި މި މަހުގެ ފަސްވަނަ ދުވަހުގެރޭ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމަށްފަހު ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އާއި އެމަނިކުފާނުގެ ދަނބިދަރިކަލުން މުހައްމަދު ނަދީމް އާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު އާއި އެމަނިކުފާނުގެ އަނބިކަނބަލުންގެ އިތުރުން ޑީޖޭއޭގެ ވެރިޔާ ހަސަން ސައީދު ވެސް ހައްޔަރުކޮށްފައެވެ.