ރައްޔިތުން މަޖިލީހުގެ ރައީސް ކަމަށް ކުރިމަތި ލައްވާނެ ކަމަށް ރައްޔިތުން މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ރައީސް ކަމަށް ކުރިމަތިނުލައްވަން ނިންމަވައިފިން ކަމަށް ވިދާޅުވެ އަސްލަމްގެ ނަމްބަރުން އެސްއެމްއެސްތަކެއް ދައުރުވާތީ "ވަގުތު" އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން އަސްލަމް ވިދާޅުވީ އޭނާ އެއްވެސް ފަރާތަކަށް އެސްއެމްއެސް އެއް ކުރައްވާފައި ނުވާނެ ކަމަށެވެ.

"އަޅުގަނޑަކަށް ނޭނގެ ކިހިނެއް ދައުރުވާ މެސެޖެއް ކަމެއް. އަޅުގަނޑުގެ ނަމްބަރަކުން އަޅުގަނޑު އެއްވެސް މެސެޖެއް ނުފޮނުވަން. އަޅުގަނޑު ދިރާގަށް ވެސް ގުޅައިފިން މިހާރު. ސާވިސް ޕްރިވައިޑާގެ މައްސަލައެއް ނޫންތޯ މިއީ. މިހާރު އަމިއްލަ ނަމްބަރު ވެސް ސެކުއާ ނޫނީ ދެއްތޯ" އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ ރައީސް ނަޝީދު ވެސް އަދި އެހެން ބޭފުޅަކު ވެސް އޭނާ މަޖިލިސް ރައީސް ކަމަށް ކުރިމަތިނުލައްވަން އެދިވަޑައިގެންފައި ނެތް ކަމަށެވެ.

"އަޅުގަނޑު އަދިވެސް މިހިރީ މަޖިލިސް ރައީސް ކަމަށް ކުރިމަތިލާ ގޮތައް. މިހާރު އަދި މާބޮޑަށް ޝައުގުވެރިކަން އިތުރުވެއްޖެ މަޖިލިސް ރައީސް ކަމަށް ކުރިމަތިލާން." އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ މަޖިލިސް ރައީސް ކަމަށް ވަޑައިގަތުމަށް އެމްޑީޕީ މެންބަރުންގެ ތާއިދު ހޯއްދެވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

"އަޅުގަނޑު ވަރަށް ގިނަ މެންބަރުންނާއި ބައްދަލުކޮށްފިން އަޅުގަނޑުމެންގެ. އެންމެ މެންބަރަކު ވިދާޅުވީ އެބޭފުޅާ ވަކި ގޮތެއް ނިންމަވައިގެން ހުންނެވި ކަމަށް. އަޅުގަނޑު މިހިރީ އަދިވެސް މަޖިލިސް ރައީސް ކަމަށް ވާދަކުރާ ގޮތައް." އަސްލަމް ވިދާޅުވިއެވެ.

އަސްލަމްގެ ނަމްބަރުން ފޮނުވަމުންދާ އެސްއެމްއެސްގައި ވިދާޅުވެފައި އޮންނަނީ މަޖިލިސް ރައީސް ކަމަށް ކުރިމަތިނުލާން ނިންމަވާފައިވާ ކަމަށާއި އަދި މެންބަރު އަފީފް މަޖިލިސް ރައީސް ކަމަށް ގެންނަން ތާއިދު ކުރައްވާ ކަމަށެވެ.

"ރައީސް ނަޝީދުގެ އެދުމުގެ މަތީން އަޅުގަނޑު 19 ވަނަ ރައްޔިތުންގެ މަޖިލިސް ރައީސް ކަމަށް ކުރިމަތި ނުލާން ނިންމައިފިން. އެމަނިކުފާނުގެ އެދުމުގެ މަތީން އަފީފަށް ތާއީދުކުރަން." އަސްލަމްގެ ނަންބަރުން "ވަގުތު" އަށް ވެސް ލިބުނު އެސްއެމްގައި ވެއެވެ.

މަޖިލީހުގެ ރައީސް ކަމަށް އަސްލަމް ގެންނަން ކުރީގެ ރައީސް މުހައްމަދު ނަޝީދު ތާއިދު ކުރައްވާފައި ވަނިކޮށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް އިއްޔެ ރޭ ވިދާޅުވީ ރައްޔިތުން މަޖިލީހުގެ ވިލުފުށީ ދާއިރާ އަށް އިންތިޚާބު ވެފައިވާ ހަސަން އަފީފަކީ މަޖިލީހުގެ ރައީސް ކަމަށް އެންމެ ރަނގަޅު އެއް ބޭފުޅާ ކަމަށެވެ.

މަޖިލީހުގެ ރައީސް އެއް އިންތިޚާބު ކުރާނީ މެންބަރުން ހުވާ ކުރައްވާ ޖަލްސާގައި ނެގޭ ސިއްރު ވޯޓަކުންނެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ނަދީމް

    އަސްލަމް އަކީ ބަދަލު ހިފުމުގެ ރޫހުގައި މަސައްކަތްކޮށް ވަކި ނުކިޔަވާ ތިބި ރޯނު އެދުރުން ތަކަަކަށް ވަޒީފާ އާއި ނުފޫޒު ހޯދާ ދޭން އުޅޭ ފަރާތެއް. ހެޔޮ ނުވާނެ އަސްލަމް އިސްކުރަން. މިވާހަކަތަކުން ދައްކައިދެނީ ލީޑަރޝިޕްގެ ކަންފުޅެއް ވެސް އަސްލަމްގެ ކިބައިގައި ނެތް ކަން. އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމަށް ކުފޫ ހަމަ ނުވާކަން.

    17
    4
  2. ހުސެންދީ

    އަސްލަމް އެއުޅުއްވަނީ ގޯސް ގޭމެއް ކުޅުއްވަން. އަސްލަމް ކުރިން ވެސް އުޅުއްވީ ބޭކާރު ބިލްތައް ހުށަހެޅުމުގައި. މިސާލަކަށް ދިވެހި ދިދައި ރަތް ކަން ކަނޑުވާ، ސުވާދީވްގެ ނޫކުލައަށް ބަދަލު ކުރަން މަސައްކަތް ކުރެއްވި. ބޭފުޅުން ނިކަން ޔައުމިއްޔާތައް ބައްލަވާ. އަސްލަމް ވަށައިގެން ތިބި ބައެއްގެ އަމިއްލަ އެދުމުގައި ނިކުމެފައި ހުރި މީހެއް އަސްލަމް އަކީ. އެމީހުންގެ މަގްސަދަކީ އެމީހުންނަށް ތަބާތާ ހުރިހާ ބަޔަކަށް ދައުލަތުގެ ބޮޑެތި މަގާމްތައްދީ، ބައިބައި ކުރުވުން

    18
    1
  3. ދިސްވޭ

    މަޖްލީހުގެ ރައީސް ކަމުގެ ވާދަވެރި ކަމުގެ ތެރޭގައި މީހުންގެ މަސްކެއުމުގެ ވާހަކަ މީޑިއާ އަށް ތިލަވާއިރު ހަގީގަތުގައި އެއީ މިތަނަށް ބޭނުންވާ ވާހަކަ ތަކެއް ނޫނޭ މިތަނުގައި ބޭނުންވަނީ ރާއްޖޭގައި ވަޒީފާ ނެތް މީހުންގެ ނިސްބަތް ހަގީގަތުގައި %50 އާއި ކައިރި ކުރަމުން ދާއިރު ރާއްޖޭގެ ރިސޯރޓްސް ތަކުގައި ހުރި މެދު ފަންތި އާއި މަތީ ފަންތީގެ ވަޒީފާ ތަކަށް ދިވެހިން ނެގުމުގެ ބަދަލުގައި ބޭރު މީހުން ނަގަމުން ދާތީވެ އެކަން ކަން ހުއްޓުވާ ދިވެހިންނަށް މިފުރުސަތު ދޭނެ ގޮތުގެ ވާހަކަ ތަކެއް ނޫންތޭ އެމްޑީޕީން ވެސް ދައްކަންވީ އަދި ރައީސް އޮފީހުން ވެސް ބަލަންވީ މިކަން ރައްޔިތުންނަށް ކޮށްދެވޭތޯ ނޫންތޭ...

    10
  4. ޔާމން

    އަސްލަ،ަކީ މަޖްލީހުގަ ރާއްޖެ ދުއް ކުޅަދާނަ ސިޔާސީ ޝަޙްސިއްޔަތެއް

    1
    8
  5. ޙަޤީޤް

    ޢަސްލަމަކީ ޤާބިލް ބޭފުޅެއް. ޢެކަމަކު އަފީފަކީ އެމްޑީޕީގެ ވެއްޓުނު ސަރުކާރުގެ ހޯމް މިނިސްޓަރު. ޢެވަރުވެގެންދިޔައިރުވެސް އަފީފު އަކަށް އެނގިވަޑައިނުގަންނަވާ ކަމެއް ހިނގިކަންވެސް. ޢަފީފަކީ ވަރަށް ނާޤާބިލު ބޭފުޅެއް

    1
    2