މާލޭގެ އާޓިފިޝަލް ބީޗު ސަރަހައްދުގައި ހުންނަ ތޫމް ރެސްޓޯރަންޓްގައި އަލިފާން ރޯވެއްޖެ ކަމުގެ ރިޕޯޓް ސިފައިންނަށް ލިބިގެން މިރޭ ފަޔާ އެންޑް ރެސްކިއުގެ ސިފައިން އެތަނަށް ދިޔައިރު ރެސްޓޯރެންޓްގެ ބަަދިގޭގައި ހުރި ޑަސްބިނެއްގައި އަލިފާން ރޯވެފައި ހުރުމުން ނުރައްކާތެރި ހާދިސާއެއް ނުހިނގަނީސް އަލިފާން ނިއްވާލައިފިއެވެ.

ތޫމް ރެސްޓޯރަންޓްގައި އަލިފާން ރޯވެފައިވާ ކަމުގެ ރިޕޯޓް ސިފައިންނަށް ލިބުމާއި ގުޅިގެން އެމްއެންޑީއެފްގެ މީޑިއާ އިން އެމައުލޫމާތު ވަގުތުން މީޑިއާތަކާއި ހިއްސާ ކުރިއެވެ.

ނަމަވެސް އިރުކޮޅެއް ފަހުން އެމްއެންޑީއެފް އިން ވިދާޅުވީ އަލިފާން ރޯވީ ބަދިގޭގައި ހުރި ގޭސްފުޅި ކައިރިގައި ހުރި ޑަސްބިނެއްގައި ކަމަށާއި، މިހާރު ވަނީ އަލިފާން ނިއްވާލާފައި ކަމަށެވެ.

ހާދިސާގައި ރެސްޓޯރަންޓްގެ އިމާރާތަކަށް ނުވަތަ، މީހަކަށްވެސް ގެއްލުމެއް ލިބިފައި ނުވާ ކަމަށްވެސް އެމްއެންޑީއެފްއިން ވިދާޅުވިއެވެ.