އިންސްޓިޓިއުޓް އޮފް ހޮލީ ޤުރުއާނުން އިންތިޒާމުކޮށްގެން "އަންހާރު ޤުރުއާން މުބާރާތް 1440" ގެ ނަމުގައި ޤުރުއާން މުބާރާތެއް މާލޭގައި ފަށައިފިއެވެ.

މި މުބާރާތް ކުރިއަށްދާނީ މިމަހުގެ 25 ން 27 ށް، ސޮސައިޓީ ފޯރ ހެލްތް އެޑިއުކޭޝަންގެ ސެމިނަރ ރޫމްގައެވެ.

މި މުބާރާތުގައި އިންސްޓިޓިއުޓް އޮފް ހޮލީ ޤުރުއާނުގެ ފަރާތުން މާލޭގައި ކުރިއަށް ގެންދާ 3 ކެމްޕަހުގެ ދަރިވަރުންގެ އިތުރުން، ރަށްރަށުގައި ޤާއިމުކޮށްފައިވާ އެހެނިހެން އައުޓްރީޗް ސެންޓަރު ތަކުގެ ފަރާތުންނާއި، އަދި މާލޭގެ ބައެއް ޤުރުއާން ކުލާސްތަކުގެ ފަރާތުން ވެސް ދަރިވަރުން ވަނީ ބައިވެރިވެފައެވެ. މި ދަރިވަރުންގެ ތެރޭގައި އެންމެ ތުއްތު ކުދިން ހިމެނޭ ގޮތަށް، އެކި އެކި އުމުރު ފުރާގެ ކުދިން ހިމެނެއެވެ. މީގެ އިތުރުން، އެ ސެންޓަރުން ހިންގާ އެކި އެކި ލެވެލް ތަކުގެ ކޯސްތަކުގައި ބައިވެރިވެފައިވާ ގިނަ އަަދަދެއްގެ ދަރިވަރުންވެސް ހިމެނެއެވެ.

މި މުބާރާތް ބޭއްވުމުގެ އެންމެ ބޮޑު މަޤްޞަދަކީ ކުދިންގެ ހިތްތަކުގައި ޤުރުއާނަށް އޮތް ލޯބި އިތުރުކޮށް، ކުރިއަށް އޮތް ތަނުގައިވެސް މިފަދަ މުބާރާތް ތަކުގައި ބައިވެރިވުމުގެ ޝައުޤު އެކުދިންގެ ހިތްތަކުގައި އުފެއްދުން ކަމަށް މަޢުލޫމާތު ދެއްވައެވެ.

މި މުބާރާތުގެ ފަނޑިޔާރުކަން ކޮށްދެއްވަނީ އަލްޤާރީ މޫސާ އަޙުމަދާއި، އަލްޤާރީ މުޙައްމަދު އިސްމާޢިލެވެ.