ޖަލުތަކުގައި ތިބޭ ޤައިދީންނަށް ފޮތް ހަދިޔާ ކުރުމަށް، ހޯމް މިނިސްޓްރީން ކުރިއަށް ގެންދިޔަ ޕްރޮގްރާމު ކާމިޔާބު ކަމާއި އެކު ނިންމާލައިފިއެވެ.

މި ޕްރޮގްރާމު ކުރިއަށް ދިޔައީ މިމަހުގެ 22 ން ފެށިގެން 25 ވަނަ ދުވަހުގެ ނިޔަލަށް އަމީނިއްޔާ ސުކޫލުގައެވެ.

މި ޕްރޮގްރާމުގެ ދަށުން، ކުރީގެ ރައީސް، މަޢުމޫނު ޢަބްދުލްޤައްޔޫމު ވެސް ވަނީ ޖަލުތަކުގެ ޤައިދީންނަށް ފޮތް ހަދިޔާ ކުރައްވާފައެވެ. ފޮތް ހަދިޔާ ކުރެއްވުމަށްފަހު، ނޫސްވެރިންނާއި ވާހަކަފުޅު ދައްކަވަމުން މަޢުމޫނު ވިދާޅުވީ، ޖަލުތަކުގެ ޤައިދީންނަށް ފޮތް ހަދިޔާ ކުރުމުގެ ފުރުޞަތު ލިބިގެން ދިޢުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށާއި، އެމީހުންނަކީވެސް އެހެން މީހުންނެކޭ އެއްގޮތަށް ކިޔެވުމުގެ ހައްޤު ލިބިފައިވާ ބައެއް ކަމަށެވެ.

މީގެ އިތުރުން މަޢުމޫނު ވިދާޅުވީ، ޖަލުތަކުގައި ކުށް ނުކުރާ މީހުންވެސް ތިބޭ ކަމަށާއި، އެފަދަ މީހުންގެ މައްސަލަތައް އަވަހަށް ނިންމާ، އެމީހުން ޖަލުން ވީއްލުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށެވެ. އަދި ކުށްކުރުމުގެ ސަބަބުން ޖަލަށް ލާފައި ތިބި މީހުންވެސް، އެމީހުންގެ މުއްދަތު ހަމަކޮށް، ޖަލުން އަވަހަށް ސަލާމަތްވެ، ރަނގަޅު ގޮތުގައި މުޖުތަމަޢަށް ނިކުންނާނެ ދުވަހެއް ފެނުން އެދޭ ކަމަށެވެ.

ޖަލުތަކަށް ފޮތް ހަދިޔާ ކުރުމަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި އާއްމުންގެ ފަރާތުން ބޮޑު ތަރުޙީބެއް ލިބިފައިވާކަމަށް ހޯމް މިނިސްޓްރީން މަޢުލޫމާތު ދެއްވައެވެ.