ހިއުމަން ރައިޓްސް ކޮމިޝަނުގެ ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމް (އެން.ޕީއެމް) އިން ކ. ގުރައިދޫގައި ހުންނަ ޚާއްސަ އެހީ އަށް ބޭނުންވާ މީހުންގެ މަރުކަޒަށް ކުރި ޒިޔާރަތުގައި، ތަނުން ފާހަގަކޮށްލެވުނު ބޮޑެތި މައްސަލަތައް ހިއްސާ ކޮށްފިއެވެ.

އެ ޒިޔާރަތުގައި ފަހަގަވެފައިވާ މުހިންމު ކަންތައްތަކުގެ ރިޕޯޓެއް ވަނީ މިނިސްޓްރީ އޮފް ޖެންޑަރ، އެންޑް ސޯޝަލް ސަރވިސަސް އާއި ގުރައިދޫގެ ހައްސާ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒާއި ވެސް ހިއްސާކޮށްފައެވެ.

ހިއުމަން ރައިޓްސް ކޮމިޝަނުން ބުނެފައިވަނީ މި ޒިޔާރަތުގެ މައިގަނޑު މަޤްސަދަކީ މަރުކަޒުން ފަރުވާ ހޯދަމުންދާ މީހުންނާ ދޭތެރޭ އެއްވެސް އަނިޔާވެރި، ލާއިންސާނީ ނުވަތަ ދަށު ދަރަޖައިގެ ޢަމަލެއް ހިނގާތޯ ބެލުމާއި، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ފަރާތްތަކަށް ލިބިދޭންޖެހޭ ޙައްޤުތައް ކަށަވަރުކުރެވިފައިވާ މިންވަރު ދެނެގަތުމާއި، މަރުކަޒުން ފަރުވާ ހޯދަމުންދާ މީހުންނަށާއި މަވައްޒަފުންގެ ޢާންމު ޙާލަތު ދެނެގަތުން ކަމަށެވެ.

އެ ކޮމިޝަނަށް ފާހަގަ ވެފައި ހުރި ބައެއް ކަންތައްތަކަކީ ބޭސްފަރުވާގެ އިތުރުން ބަލި މީހުންނަށް ފޯރުކޮށްދޭންޖެހޭ އެހެނިހެން ތެރަޕިއުޓިކް އިންޓަރވެންޝަން އެންމެ އެދެވޭގޮތަށް ފޯރުކޮށްދިނުމަށާއި، ބަލި މީހުންނަށް އަންނަ ބަދަލު ދެނެގަތުމަށް ހެދޭ އެސެސްމަންޓް ގަވައިދުން ނެހެދޭކަމާއި، ބަލި މީހުން ބައިތިއްބާ ވޯޑުތަކުގައި ޖާގައިގެ އިތުރުން މީހުން ބައިތިއްބާފައި ތިބިކަމާއި، އިމާރާތް ބާވެ، މަރާމާތު ނުކުރެވި ގިނަ ދުވަސް ވެފައިވާތީ އިމާރާތުގެ ހާލަތު ދަށްވެފައިވާކަމާއި، މަރުކަޒުން ފަރުވާ ހޯދަމުންދާ ބަލި މީހުންގެ އަދަދާ އަޅާބަލާއިރު، ބަލި މީހުން ބަލަހައްޓް ކެއަރ ވޯކަރުންގެ ޢަދަދު މަދުކަމެވެ.

އަދި ރަށުގައި ޤާއިމް ކޮށްފައިވާ ފެން ޕްލާންޓުން މުޅި ރަށަށް ބޭނުންވާވަރަށް ފެން އުފައްދައިނުދޭތީ ހަފްތާއަކު 3 ނުވަތަ 4 ދުވަހު މަރުކަޒުން ފެނުގެ ޚިދުމަތް ކެނޑޭކަމާއި އަދި މީގެ އިތުރުން މިއަހަރުގެ ކުރީކޮޅުގައި މިނިސްޓްރީ އޮފް ހެލްތް އިން ފާސްކޮށްފައިވާ މަރުކަޒުގެ އަތްމަތީ ފޮތަށް މަވައްޒަފުން އަހުލުވެރިކުރަމުން ނުދާކަން ފާހަގަ ވެފައިވާ ކަން މި ބަޔާނުގައި ވެއެވެ.

މި ދެންނެވި ކަންތައްތަކުގެ މައްޗަށް ބިނާކޮށް ތައްޔާރު ކޮށްފައިވާ ރިޕޯޓެއްވަނީ ގުރައިދޫ ހާއްސާ އެހީ އަށް ބޭނުންވާ މީހުންގެ މަރުކަޒާއި މިނިސްޓްރީ އޮފް ޖެންޑާ އަށާއި ރައީސުލް ޖުމްހުރިއްޔާގެ އޮފީހަށާއި ރައްޔިތުންގެ މަޖްލީހަށް ހިއްސާކުރުމަށް ފަހު މިނިސްޓްރީ އޮފް ޖެންޑަރ އާއި އިތުރު ބައްދަލު ވުމެއް ބާއްވާނެ ކަމަށް ކޮމިޝަނުގެ ބަޔާނުގައި ވެއެވެ.

އަދި މީގެ އިތުރުން އެކޮމިޝަނުން ބުނެފައިވަނީ ރިޕޯޓްގައި ފާހަގަ ކޮށްފައިވާ ކަންކަމާއި އިސްލާހު ކުރުމަށް ހުށަ އަޅާފައިވާ ކަންތަށް ތަންފީޒު ވަމުންދާ މިންވަރު ބެލުމަށް އަހަރުކު ދެ ފަހަރު ފޮލޯއަޕް ހަދަމުން ދާނެ ކަމަށެވެ.

ޚާއްސަ އެހީ އަށް ބޭނުންވާ މީހުންގެ މަރުކަޒަށް 2008 ވަނަ އަހަރުން ފެށިގެން އެ ކޮމިޝަނުން ދަނީ ގަވައިދުން ޒިޔާރަތް ކުރަމުންނެވެ. އަދި މިހާތަނަށް ޖުމްލަ 12 ޒިޔަަރަތެއް ކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހުސޭނުބޭ

    އެންމެ ފުރަތަމަ މި ސަރުކާރުވެސް އެބަޖެހޭ ތި މަރުކަޒަކަށް ލާން!