މެއި 13 ވަނަ ދުވަހު މެދު ރާއްޖެތެރޭގެ ރަށެއްގައި ވިހެއި އުމުރުން 15 އަހަރުގެ ކުއްޖާގެ ދަރިފުޅު ނިޔާވި ގޮތް ދެނެގަތުމަށްޓަކައި އިންޑިާގައި ޕޯސްޓް މޯޓަމް ހެދުމަށްފަހު އެ ކުއްޖާ ވަޅުލައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "ވަގުތު" އަށް ވިދާޅުވީ، އެ 15 އަހަރު ކުއްޖާ ވިހެއި ދަރިފުޅުގެ ޕޯސްޓްމޯޓަމް ހަދާފައި ވަނީ މި މަހުގެ 22 ވަނަ ދުވަހު އިންޑިއާގެ ޓްރިވިންޑްރަމްގައި ކަމަށެވެ. އަދި އެ ކުއްޖާގެ ހަށިގަނޑު މާލެ ގެނެސް މި އިއްޔެ އާސަރަހާގައި ވަޅުލާފައިވާކަމަށް އެ އޮފިޝަލް ވިދާޅުވިއެވެ.

މި ހާދިސާއާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ދީފައެއް ނުވެއެވެ.

އުމުރުން 15 އަހަރުގެ އެކުއްޖާ ވިހާފައި ވަނީ ގޭގައެވެ. އެ ކުއްޖާ ވިހެއުމަށް މަސައްކަތްކޮށްފައި ވަނީ އެ ކުއްޖާގެ މަންމައާއި އެކުއްޖާގެ ލޯބިވެރިޔާއެވެ. ވިހެއުމުގެ ތެރޭގައި އެ ކުއްޖާ ވިހެއި ދަރިފުޅު ނިޔާވިއިރު، އެ ކުއްޖާގެ ހާލުވެސް ސީރިއަސްވިއެވެ.

ނަމަވެސް މިހާރު އެ ކުއްޖާގެ ހާލު ރަނގަޅު ކަމަށް މައުލޫމާތު ލިބެއެވެ. އެ ކުއްޖާއަށް ފަރުވާދެމުން ދިޔައީ މާލޭގައެވެ.

މާބަނޑުވި ކުއްޖާ އަކީ ގްރޭޑް 9 ގައި ކިޔަވަމުން އައި ކުއްޖެކެވެ. ނަމަވެސް މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން އޭނާ ސްކޫލަށް ނުދާ ކަމަށް ވެއެވެ.

މިމައްސަލައިގައި ކުޑަ ކުއްޖަކު ހިމެނޭތީ ފުލުހުން ވެސް މާގިނަ މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ. ފުލުހުން ހަމައެކަނި ވިދާޅުވެފައި ވަނީ ކުއްޖަކު ވިހެއި މައްސަލަ އާއި ތުއްތު ކުއްޖާ މަރުވި މައްސަލަ ތަޙްޤީޤު ކުރަމުންދާ ކަމަށެވެ.