މާވެޔޮ މިސްކިތުން ބިއްލޫރި ޝީޓެއް ވެއްޓި ދެމީހަކަށް އަނިޔާވެއްޖެއެވެ.

އަނިޔާވެފައި ވަނީ އެމިސްކިތުގެ މަސައްކަތުގައި އުޅުނު ދެމީހަކަށެވެ.

ފުލުހުން ވިދާޅުވީ މާވެޔޮ މިސްކިތުން ބިއްލޫރި ޝީޓެއް ވެއްޓި ދެމީހަކަށް އަނިޔާވެފައިވާ ކަމުގެ މައުލޫމާތު މިއަދު ހެނދުނު 10:07 ގައި ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

"މިހާދިސާގައި އަނިޔާވެފައި ވަނީ މާވެޔޮ މިސްކިތުގައި މަސައްކަތް ކުރަމުން ދިޔަ ދެ ބިދޭސީންނަށް. މި ދެމީހުން ވަނީ އައިޖީއެމްއެޗް އަށް ގެންގޮސްފައި." ފުލުހުން ވިދާޅުވިއެވެ.

ދެމީހުންގެ ތެރެއިން އެއްވެސް މީހަކަށް ބޮޑު އަނިޔާއެއް ލިބިފައި ނުވާކަމަށް ފުލުހުން ވިދާޅުވެއެވެ.

ފުލުހުން ވިދާޅުވީ އެކަކުގެ އުނަގަނޑަށް ތަދުވާ ކަމަށް މައުލޫމާތު ދީފައިވާ ކަމަށާއި އަނެއް މީހާގެ އިނގިއްޔެއް ކަފައިގެން ގޮސްފައިވާ ކަމަށެވެ.

ދެ މީހުން ވެސް ތިބީ ސޭފްޓީ ހެލްމެޓް އަޅައިގެން ކަމަށް ވެސް ފުލުހުން ވިދާޅުވެއެވެ.

ފުލުހުން ވިދާޅުވީ މިހާދިސާ ހިނގާފައި ވަނީ ބިއްލޫރި ޝީޓް މައްޗަށް ނަގަން އުޅުމުގެ ތެރޭގައި ކަމަށެވެ.

ފާއިތުވި ހައެއްކަ މަސް ދުވަސް ތެރޭގައި މާލޭގެ އިމާރާތްތަކުން އެކި އެއްޗެހި މަގުމައްޗަށް ވެއްޓުމުގެ ހާދިސާތައް ރިޕޯޓް ކުރުން ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މީގެ ތެރެއިން އެއްހާދިސާގައި ސިމެންތި ބަސްތާއެއް މަގުމައްޗަށް ވެއްޓި ކުޑަ އަންހެން ކުއްޖަކު ނިޔާވެސް ވެފައިވެއެވެ.

މާލޭގައި ހަދަމުންދާ އިމާރާތްތަކުން މަގުމައްޗަށް އެއްޗެހި ވެއްޓޭ މައްސަލަ ހައްލު ކުރަން މާލޭ ސިޓީ ކައުންސިލުން ހާއްސަ އޮޕަރޭޝަނެއް ކުރިން ފެށި ނަމަވެސް މިހާރު އެއޮޕަރޭޝަންގެ އެއްވެސް މައުލޫމާތެއް ނުލިބެއެވެ. ނަމަވެސް ފުލުހުން މިހާރު ވެސް އިމާރާތްތަކުގެ ސަލާމަތީ ކަންތައްތައް ބަލާކަމަށް ފުލުހުން ވިދާޅުވެއެވެ.