ރައީސް ސޯލިހުގެ މަސައްކަތްޕުޅުގައި އިތުބާރު ގެއްލޭނެ އެއްވެސް ކަމެއްނެތް ކަމަށާއި އެހެންކަމުން އެމަނިކުފާނަށް 5 އަހަރު ދޭންޖެހޭ ކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ޝައިހު އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ރައީސް އަދި ނައިބު ރައީސް ކަނޑައެޅުމުގެ ބަހުސް ހޫނުވެ އެމްޑީޕީ އެތެރޭގައި ރައީސް ނަޝީދާއި ރައީސް ސޯލިހުގެ ގުޅުން ގޯސްވެފައިވަނިކޮށް ޝައިހު ޒައިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިހާރު ޤައުމުގެ ނިޒާމް އޮތްގޮތުން، އޭނާގެ ޚިޔާލުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްއަށް ޤައުމު ހިންގުމުގެ ފުރިހަމަ އާރާއިބާރު ލިބިދޭންޖެހޭ ކަމަށެވެ.

" މިހާތަނަށް އައިއިރު ރައީސްގެ މަސައްކަތްޕުޅު އިތުބާރު ގެއްލޭ އެއްވެސް ކަމެއްނެތް އެމަނިކުފާނަށް 5 އަހަރު ދޭންޖެހޭ" ޝައިހު ޒައިދު ވިދާޅުވިއެވެ.

މަޖިލީހުގެ ރައީސް އަދި ނައިބު ރައީސް ކަމަށް އެމްޑީޕީން ގެންނާނެ ބޭފުޅުން ކަނޑައަޅާނީ މިރޭ އެޕާޓީން ދަރުބާރުގޭގައި ނަގާވޯޓުގައެވެ.

މަޖިލީހުގެ ރައީސް ކަމަށް ރައީސް ނަޝީދު ވިދާޅުވެފައި ވަނީ އެމަނިކުފާނު އެންމެ ބޭނުންފުޅުވަނީ އަސްލަމް ވަޑައިގެންނެވުމަށް ކަމަށެވެ. އަދި މަޖިލީހުގެ ރައީސް ކަމަށް އެންމެ އެކަށީގެންވާ އެއް ބޭފުޅަކީ އަފީފު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައެވެ.

މިއާއި އެކު އަފީފާއި އަސްލަމްގެ ސަޕޯޓަރުން ގެންދަނީ މީސް މީޑިއާގައި ވަރަށް ވަރުގަދަ ބަހުގެ ހަމަލާތަކެއް ބަދަލު ކުރަމުންނެވެ. އަޑުތައް އިވޭ ގޮތުގައި ބައެއް ވަޒީރުން ވެސް ގެންދަނީ އަފީފް މަޖިލިސް ރައީސް ކަމަށް ގެންނަން ކެމްޕޭން ކުރަމުންނެވެ. ނަމަވެސް ނަޝީދާއި، އެމަނިކުފާނުގެ ގާތް މަޖިލިސް މެންބަރުން ގެންދަނީ އަސްލަމް މަޖިލިސް ރައީސް ކަމަށް ގެންނަން ކެމްޕޭން ކުރަމުންނެވެ.

މަޖިލީހުގެ ރައީސް ކަމަށް ޝައުގުވެރިކަން ފާޅުކުރެއްވި އެމްޑީޕީގެ ފަސް ބޭފުޅުންގެ ތެރޭގައި އައްޑޫ ހިތަދޫ ދާއިރާގެ މެންބަރު މުހައްމަދު އަސްލަމާއި އަފީފުގެ އިތުރުން ހިމެނެނީ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމާއި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމުގެ އިތުރުން މަރަދޫ ދާއިރާގެ މެމްބަރު މަވޯޓާ ޝަރީފު އެވެ.