މާލޭ ގްރޭންޑް ފެލެޓަކުން ވެއްޓުނު ބިއްލޫރިގަނޑަކުން ޖެހި މީހަކަށް އަނިޔާ ވެއްޖެއެވެ.

މާލޭ ގްރޭންޑް ފެލެޓެއްގެ ބިއްލޫރި ދޮރުތައް ތަޅައިގެން ދިއުމުގެ ހާދިސާތައް މީގެ ކުރިން ވެސް ހިނގާފައި ވެއެވެ. ނަމަވެސް މިއަދު ވެއްޓުނީ ބިއްލޫރި ދޮރެއް ކަމެއް އަދި ކަށަވަރެއް ނުވެއެވެ.

ބިއްލޫރިގަނޑު ވެއްޓުނީ މާލޭ ގްރޭންޑްގެ ފަސް ވަނަ ފްލޯއިން މަޖީދީ މަގަށެވެ. ފުލުހުން ވިދާޅުވީ އެ ބިއްލޫރިގަނޑު ވެއްޓި އަނިޔާވީ މަގުމަތިން ހިނގާފައި ދިޔަ 36 އަހަރުގެ އަންހެނަކަށް ކަމަށެވެ.

ފުލުހުން ވިދާޅުވީ އޭނާ އަށް ސީރިއަސް އަނިޔާއެއް ލިބިފައި ނުވާ ކަމަށާއި އައިޖީއެމްއެޗްގައި އޭނާ އަށް ފަރުވާ ދެމުންދާ ކަމަށެވެ.

މިއަދު ހެނދުނު މާވެޔޮ މިސްކިތުން ބިއްލޫރި ޝީޓެއް ވެއްޓިގެން ވެސް ދެމީހަކަށް އަނިޔާ ވިއެވެ.

އެ ހާދިސާގައި އަނިޔާވެފައި ވަނީ މާވެޔޮ މިސްކިތުގައި މަސައްކަތް ކުރަމުން ދިޔަ ދެ ބިދޭސީންނަށެވެ.

ފާއިތުވި ހައެއްކަ މަސް ދުވަސް ތެރޭގައި މާލޭގެ އިމާރާތްތަކުން އެކި އެއްޗެހި މަގުމައްޗަށް ވެއްޓުމުގެ ހާދިސާތައް ރިޕޯޓް ކުރުން ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މީގެ ތެރެއިން އެއްހާދިސާގައި ސިމެންތި ބަސްތާއެއް މަގުމައްޗަށް ވެއްޓި ކުޑަ އަންހެން ކުއްޖަކު ނިޔާވެސް ވެފައިވެއެވެ.

މާލޭގައި ހަދަމުންދާ އިމާރާތްތަކުން މަގުމައްޗަށް އެއްޗެހި ވެއްޓޭ މައްސަލަ ހައްލު ކުރަން މާލޭ ސިޓީ ކައުންސިލުން ހާއްސަ އޮޕަރޭޝަނެއް ކުރިން ފެށި ނަމަވެސް މިހާރު އެއޮޕަރޭޝަންގެ އެއްވެސް މައުލޫމާތެއް ނުލިބެއެވެ. ނަމަވެސް ފުލުހުން މިހާރު ވެސް އިމާރާތްތަކުގެ ސަލާމަތީ ކަންތައްތައް ބަލާކަމަށް ފުލުހުން ވިދާޅުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މަންޖެ

    1200 ރުފިޔާ ނޭގޭތޯބަލާ ހައުސިން މިނިސްޓުރީއަށް ބިއްލޫރިތަށް ތަޅާގެންދަނީ އަދި ލިފްޓުވެސް އެހާލަސް އަންނަލެއް އެތަށް ބަޔަކު އުޅޭތަނެއްގަ އަދި ރައްޔިތުން ފެލާފަ ހިދުމަތެއްނުދެވެ

    9
    1
  2. މިހާރު

    މިހާރު މާލޭ މަގުމަތީގައި ހެލްމެޓް އަޅައިގެން ނޫނީ ހިނގާ ބިނގާ އުޅުން ރައްކާތެރިއެއް ނޫން! ދުއްވާތަކެތި މަގުގެ މެދުން ދުއްވިޔަސް ހިނގާ އުޅެނީ ޢާއްމުކޮށް މަގުގެ އެއްފަރާތުން ކަމަށްވާތީ މާލޭގައި ދުއްވާތަކެތީގައި ތިބޭމީހުން ހެލްމެޓް ނޭޅިޔަސް މާލޭގައި ހިނގާބިނގާ މީހުން ހެލްމެޓް އެޅުން މަޖްބޫރުކުރަންވީ!

    14
    1
  3. ސައިބޯނި

    މަގޭ ކޮނޑަށް ވެއްޓުނު ސްލިޑިންގ ކުޑަދޮރު މަތިން ހަނދާންވަނީ އެދުވަހުވެސް އެގޭގެ އެކަކުވެސް ބަލާވެސް ނުލި މީހަކު މަރުވިތޯވެސް ގޭ ވެރިފަރާތަކީ ވަރަށް ހިތްހެޔޮ ވަރަށް އެހީވި ބޭސް ފަރުވާއަށް ވެސް... ސްލިޑިންގ ކުޑަދޮރަކީ ވަރަށް ރަނގަޅަށް ހަރުކުރެވިފަ ހުންނަން ޖެހޭ އެއްޗެއް ނޫންނަމަ ހިތާމަވެރި ކިތަންމެ ކަމެއް ހިނގުމަކީ ވަރަށް ގާތުގައި އޮންނަ ކަމެއް.. އަދިވެސް އެދުވަސް ހަނދާނަށް އައީމަ ހިތް ތެޅިގަނޭ...