ދިވެހި މަސްދޯނި ފަހަރުގައި ލޮނު ފެނުން މަސް ފިނި ކުރާ ނިޒާމް ގާއިމު ކުރުމަށް ދޫކުރާ ލޯނަށް އެދުމުގެ ފުރުސަތު އިތުރުކޮށްފިއެވެ.

ފިޝަރީޒް މިނިސްޓްރީ އިން ބުނެފައިވަނީ ފިޝަރީޒް ޑިވޮލޮޕްމެންޓް ޕްރޮގްރާމްގެ ދަށުން "ކަނޑުފަޅުގެ ނަފާ" ގެ ނަމުގައި މަސްދޯނިފަހަރުގައި ލޮނުފެނުން މަސް ފިނި ކުރާ ނިޒާމް ޤާޢިމްކުރުމަށް ދޫކުރާ ލޯނަށް އެދުމުގެ ފުރުޞަތު 26 މެއި 2019 އަށް ހަމަވުމާއިގުޅިގެން މިއަދުން ފެށިގެން 01 މަސްދުވަހުގެ މުއްދަތު ލޯނަށް އެދި ހުށަހެޅުމަށް އިތުރު ކޮށްފައިވާ ކަމަށެވެ.

މިލޯނުގެ މަޤްޞަދަކީ މިހާރު ރާއްޖޭގެ އެކި އަތޮޅުތަކުގައި ޤާޢިމްކޮށްފައިހުރި އައިސް ޕްލާންޓްތަކުން މަސްވެރިން ބޭނުންވާ ވަރަށް އައިސް ނުލިބޭތީއާއި އައިސް ހޯދުމަށް ކުރަންޖެހޭ ހޭދަ ކުޑަކޮށް މަސްވެރިކަމުގައި ބޭނޭ މަސް ގިނަވަޤުތު ތާޒާކަންމަތީ ދޯނީގައި ރައްކާކޮށް، ކަނޑުމަތީގައި ގިނަވަޤުތު ހޭދަކުރެވޭ ގޮތް މެދުވެރިކޮށް މަސްވެރިކަން އިތުރަށް ތަރައްޤީކުރުމަށް އެހީތެރިވެ މަގުފަހިކޮށްދިނުން ކަމަށް ވެސް އެ މިނިސްޓްރީ އިން ވަނީ ބުނެފައެވެ.

މިލޯނުން ޖުމްލަ ދޫކުރެވޭނީ ތިން މިލިޔަން އައްޑިހަ ހަތަރު ހާސް (3,084,000) ރުފިޔާއެވެ.

ލޯނަށް އެދުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިއަދުން ފެށިގެން 25 ޖޫން 2019 ވާ އަންގާރަ ދުވަހުގެ 12:00 ގެ ނިޔަލަށެވެ. އަދި މި ލޯނަށް އެދޭ ފޯމު ބަލައިގަންނާނީ އެސް.ޑީ.އެފް.ސީ އިންކަމަށް މި އިއުލާނުގައިވަނީ ބުނެފައެވެ.

މިލޯނާއި ބެހޭ އުޞޫލާއި، ލޯނަށްއެދޭ ފޯމް ސަރުކާރު ރަސްމީ ގަޑީގައި، މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިންނާއި ސްމޯލް އެންޑް މީޑިއަމް އެންޓަރޕްރައިސަސް ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން އިން އަދި އެސް.ޑީ.އެފް.ސީ ގެވެބްސައިޓުން ލިބެން ހުންނާނެއެވެ.