ވައި ގަދަވެ، އުސް އިމާރާތްތަކުން އެއްޗެހި ވެއްޓުމުގެ ހާދިސާތަކެއް ހިނގާފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ދެންމެ ކުރި ޓްވީޓެއްގައި ވިދާޅުވީ މިހާރު ކުރަމުންދާ ވިއްސާރަ އާއި ގުޅިގެން ވައިގަދަވެ އުސް އިމާރާތްތަކުން އެއްޗެހި ވެއްޓި ނުރައްކާތެރި ހާދިސާތަކެއް ވަނީ ހިނގާފައި ކަމަށެވެ.

ވީމާ، ހުރިހާ ބޭފުޅުން ވެސް ކުޑަދޮރުތައް ލައްޕަވާ ރައްކާތެރި ކަމުގެ ފިޔަވަޅުތައް އެޅުމަށް ފުލުހުން އިލްތިމާސް ކުރާކަމަށް ފުލުހުންގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

މިއަދު ވަނީ ދެ އިމާރާތަކުން ބިއްލޫރިގަނޑެއް ވެއްޓި ތިން މީހަކަށް އަނިޔާވެފައެވެ. މީގެ ތެރެއިން އެއް ބިއްލޫރިގަނޑު ވެއްޓުނީ މާވެޔޮ މަގުގައި ހަދަމުން އަންނަ މިސްކިތުންނެވެ. ދެން ބިއްލޫރިގަނޑެއް ވެއްޓުނީ މާލެ ގްރޭންޑުގެ ހަތަރު ވަނަ ބުރިންނެވެ.

ފާއިތުވި ހަފްތާއެއްހާ ދުވަހު ރާއްޖޭގެ ގިނަ ސަރަހައްދުތަކަށް ވަނީ ވަރަށް ބޮޑަށް ވިއްސާރަ ކޮށްފައެވެ. އަދި ރެއިން ފެށިގެން ވިއްސާރަ ވަނީ އިތުރަށް ގަދަވެފައެވެ. މިއަދާއި މިރޭ ވެސް ބޮޑު ސަރަހައްދަކަށް ވަނީ ރީނދޫ އެލާޓް ނެރެފައެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވީ ކުރިއަށް އޮތް 24 ގަޑިއިރު ވެސް ރާއްޖެގެ އެކިހިސާބަަށް ވިއްސާރަކުރާނެ ކަމަށާއި އަދި ގުގުރުން ވެސް އެކަށީގެން ވާ ކަމަށެވެ. އަދި މެދުތެރެއާއި ދެކުނުގެ ބައެއް ރަށްތަކަށް ބޯ ކޮށް ވާރޭ ވެހޭނެ ކަމަށް ލަފާ ކުރެވެއެވެ.

މެދުތެރޭގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން، ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރު މިނުގައި އަދި އެހެން ހިސާބުތަކުގައި ހުޅަނގާއި ހުޅނގުއުތުރުން ގަޑިއަކު 05 މޭލާ 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ލަފާކުރެވެއެވެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލު ބާރުމިނަށް ވައި ގަދަވުން އެކަށީގެންވެއެވެ.

މެދުތަރޭ އަތޮޅު ތަކުގެ ކަނޑުުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ އެވެ. އެހެން ހިސާބުތަކުގެ ކަނޑުތަށް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ އެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    ދޮރުވެރޭ މޫސުމް ???

  2. އަތްޔަބޭ

    ބެލްކަނިތަކުގައި ބަހައްޓައިގެން ގަސްހައްދާމީހުން ގެންގުޅޭ ޕޮޓްތައްވެސްނަގަންޖިހޭ ވާފަށަކުން އައްސައިފައި މަގަށްދޫކޮށްލައިފައިހުންނަ ޕޮޓްތައްވެސްނަގަންޖިހޭ