އައްޑޫ ސިޓީގައި ކުރީ ސަރުކާރުން އަޅާފައިވާ ފްލެޓްތައް ރައްޔިތުންނާއި ހަވާލު ނުކުރެވި ހުރީ، އެހާ ބާރަށް އެތަންތަނުގައި ނުކުރެވި ހުރި މަސައްކަތް ކުރިޔަށް ނުދާތީ ކަމަށް ހައުސިންގ މިނިސްޓަރ އާމިނަތު އާތިފާ ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގެ "ޚަބަރަށްފަހު" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ އާރިފާ ވިދާޅުވީ، އައްޑޫ ސިޓީ ފޭދޫގައި މިދިޔަ ސަރުކާރުން ޤާއިމްކޮށްފައިވާ ފްލެޓްތައް ނިމިފައިވާ ކަމަށާއި މިހާރު އެތަންތަނުގައި ހުރީ މަރާމާތުގެ މަސައްކަތްތަކެއް ކަމަށެވެ. ނަމަވެސް އެ މަސައްކަތްކޮށް ނިމޭނެ ދުވަހެއް އެކަމަނާ ހާމައެއް ނުކުރައްވައެވެ. މިނިސްޓަރ ވިދާޅުވީ، ހިތަދޫގައި އަޅާފައިވާ ފްލެޓްތަކަށް ޙަވާލު ނުކުރެވިގެން އުޅެނީ ފެނާއި ނަރުދަމާގެ ޚިދުމަތް ޤާއިމް ނުކުރެވިގެން ކަމަށެވެ.

މިނިސްޓަރ އާތިފާ ދާދިފަހުން އައްޑޫ ސިޓީއަށް ކުރެއްވި ދަތުރުފުޅެއްގައި އެރަށުގެ ފޭދޫގައި އިމާރާތްކޮށްފައިވާ ފްލެޓްތައް ބައްލަވާލެއްވިކަން ހާމަކުރައްވަމުން ވިދާޅުވީ، އެތަނުގައި ހުރި މައްސަލަތައް އެކަމަނާއަށް ފޮނުވާ ދެއްވުމަށް އައްޑޫ ސިޓީ ކައުންސިލްގެ މެމްބަރުންގެ ގާތުން އެދިފައިވާނެ ކަމަށެވެ.

"އަޅުގަނޑު އެހައްދުވަހު އެތަނަށް ދިޔަ ދަތުރެއްގަ ދާންވެސް ދިޔައިން. އެތާނގަ ދެން މިހާރު ހުރީ އެމީހުންގެ ރިޕެއާ ދުވަސްވަރުގެ ތެރޭގަ ރަނގަޅު ނުކޮށްދެވި ހުރި ކަންތައްތަކޭ އަޅުގަނޑު ކައިރީ ވިދާޅުވި. ... އަޅުގަޑު ދެންނެވިން އައްޑޫ ސިޓީ ކައުންސިލް މެމްބަރުންގެ ގާތުގައި އެ އެއްޗެހިތައް އަލުން އަޅުގަނޑަށް ފޮނުވަދޭށޭ،" ފޭދޫގައި ޤާއިމްކޮށްފައި ހުރި ފްލެޓްތަކާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވިއެވެ.

އައްޑޫ ސިޓީ ހިތަދޫގައި ޤާއިމްކޮށްފައިވާ ފްލެޓްތައް ނުދެވި ހުރި ސަބަބު ހާމަކުރައްވަމުން މިނިސްޓަރ އާތިފާ ވިދާޅުވީ، ހިތަދޫގައި ހުރީ ހަމައެކަނި ފްލެޓްތައް ކަމަށާއި ބޭނުންވާ ވަސީލަތްތައް އެ ފްލެޓްތަކުގައި ނެތް ކަމަށެވެ. އެހެންކަމުން އެ ފްލެޓްތަކަށް ބޭނުންވާ ފެނާއި ނަރުދަމާ ޤާއިމް ކުރުމުގެ މަސައްކަތް ފެނަކައާއި ހަވާލުކޮށްގެން ކުރިޔަށް ގެންދިއުމަށް "ބަލަމުން"ދާ ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރ އާތިފާ ވިދާޅުވިގޮތުގައި ހިތަދޫގައި ހުރި ފްލެޓްތަކަށް ބޭނުންވާ ވަސީލަތްތައް ޤާއިމްކުރުމަށް މިނިސްޓްރީއަށް ވަނީ ބަޖެޓްވެސް ލިބިފައެވެ. ނަމަވެސް މިސަރުކާރުގައި އެ މަސައްކަތް ކުރިޔަށް ނުދާކަން މިނިސްޓަރ ގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ.

މިނިސްޓަރ އާތިފާ ވިދާޅުވީ، ހައުސިންގ މިނިސްޓްރީން ބެލީ ހިތަދޫ ފްލެޓްތައް މިދިޔަ ތިން މަހެއްހާ ދުވަހުގެ ތެރޭ ހަވާލު ކުރެވޭތޯ ކަމަށާއި ނަމަވެސް "އެހާ ބާރަށް ނުދިޔަ" ކަމަށެވެ. އަދި އެކަމަށްޓަކައި ބޭނުންވާ ފައިސާ ވެސް ހަމަޖެހިފައި ވާއިރު މިހާރު ބަލަމުން ދަނީ "އަނެއްކާވެސް އެހެން ގޮތެއް ހަދައިގެން" ކުރިޔަށް އޮތް ދެމަސް ތެރޭ މަސައްކަތްތައް ނިންމޭތޯ ކަމަށް މިނިސްޓަރ އާތިފާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް ޚާއްސަ ބަޖެޓެއް ދެއްވާފަ އެބައޮތް ފެނަކައާ އެކީގަ. އެހެންވީމަ އަޅުގަނޑުމެން ބެލީ މިދިޔަ ތިން މަސް ދުވަހުގެ ތެރޭ ޑެލިވާ ކުރެވޭތޯ. އެހެން ނަމަވެސް އެހާ ބާރަކަށް ނުދިޔަ. ފައިސާވެސް ހަމަޖައްސަވާ ދެއްވާފަ ހުރީ. އެހެންވީމަ އަޅުގަނޑުމެން މި ބަލަނީ އަނެއްކާވެސް އެހެން ގޮތެއް ހަދައިގެން ގާތްގަނޑަކަށް ކުރިޔަށް އޮތް ދެމަހެއްހާ ދުވަހުގެ ތެރޭ މިކަންތައްތައް ނިންމަން،" މިނިސްޓަރ ވިދާޅުވިއެވެ.

ރައީސް އިބްރާހީމް މުޙައްމަދު ސޯލިހުގެ ސަރުކާރު އައި ފަހުން މިވީ ދުވަސްތަކުގައި ބޯހިޔާވަހި ކަމުގެ ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކުރެވިފައި ނުވާއިރު، ކުރީ ސަރުކާރުތަކުން ފަށާފައިވާ ބައެއް ޕްރޮޖެކްޓުތައްވެސް ހުއްޓުމާއި އެކު، ނިމިފައި ހުރި ފްލެޓް ފަދަ ތަންތަން ހަވާލު ނުކުރެވިވާކަމުގެ ޝަކުވާ ވަނީ ބޮޑުވެފައެވެ.

ހައުސިންގ މިނިސްޓަރ އާތިފާ މިރޭ ވިދާޅުވީ، މި ސަރުކާރުގެ ފުރަތަމަ ތިން އަހަރުގެ ތެރޭގައި ހައުސިންގ މައްސަލަ އަށް ހައްލެއް ހޯދޭނެ ކަމަށެވެ.

ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުގައި އައްޑޫ ސިޓީ ހިތަދޫގައި ޤާއުމްކޮށްފައިވަނީ 264 ފްލެޓެވެ. ރަށްތަކުގެ އާބާދީއަށް ބަލައި މީގެ ތެރެއިން ހިތަދޫ ރައްޔިތުންނަށް 150 ފްލެޓް ޚާއްސަ ކުރައްވާފައިވާއިރު، މަރަދޫ އަދި މަރަދޫފޭދޫ ރައްޔިތުންނަށް 30 ފްލެޓް އަދި ފޭދޫ ރައްޔިތުންނަށް 50 ފްލެޓް ޚާއްސަ ކުރެވިފައި ވެއެވެ. އެ ފްލެޓްތަކުގެ އިމާރާތް ކުރުމުގެ މަސައްކަތް ނިންމާލާފައިވާތާ އެތައް ދުވަހެއް ވަނީ ވެފައެވެ. ޔާމީންގެ ސަރުކާރުގެ ގެދޮރުވެރިކުރުމުގެ ޕްރޮގްރާމުގެ ދަށުން އައްޑޫ ސިޓީ ހުޅުމީދޫގައިވެސް 48 ފްލެޓް އިމާރާތްކޮށްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ފިލެޓްއ

    ޔާމީނު ސަރުކާރުން ކޮށްދެއްވި ބުރަ މަސައްކަތްތަކަށް ހަދާނެ ނަހަދާނެ ގޮތެއް ނޭގިގެން ތިޔައުޅެނީ! ރައްޔިތުންނަށް ދޭންޖެހޭ އެއްޗެއް ރައްޔިތުންނަށް ދީބަލަ!

    15
  2. ގޮޅާބޯ

    އެހެންވީމަ ތިވަރުގެ ކަމެއް ނުކުރެވޭ މީހަކު ތިވަރުގެ މަގާމެއްގަ ހުންނާކައް ނުވާނެއެއް ނުން ދެންވެސް އިސްތިއުފާ ދީފަ ގެއައްދޭ އެހެން ނޫނީ މައުމޫނު ކައިރިއައް

    16
  3. ރެކިހުތާ

    ރައްޔިތުންގެ ފައިސާއިން ތިބޭފުޅުންނަށް ލިބެންޖެހޭ ހަމަ އެންމެ ލޯލާރިއެއްވެސް ނުލިބިނެތް އަދި އެއިން އެއްޗެއް ލިބުމުގައި ލަހެއްވެސް ނުވޭ. އެހެންނަމަވެސް ތިބޭފުޅުން ރައްޔިތުންނަށް ކަމެއްކޮށްދޭން ޖެހިއްޖެއްޔާމު އެދެން ކަންތަކާއި ޖެހުނީ ބަޖެޓޭ ނަރުދަމާއޭ ކަހެރުވަކޭކިޔާނެ ތިބެގެން. ހިތަދޫގައި ހުރި ތިޔަބުނާ ފްލެޓްތަކެއް ނިމިފައި ހުންނަތާ ކިތަށްދުވަސްވެއްޖެ؟ ކަރަންޓަކަސް ނަރުދަމާއަކަށް އެހެން އެއްޗަކަށް ގުޅަންޏާމު ގުޅާހާދުވަސްވެއްޖެދޯ. ދެންތިބޭ މަރާމާތު ކޮށްލަކޮށްލައި.

    16
  4. ސޮންދާލި

    ތީފެއިލްވެފަ އޮތް މުއައްސަސާއެއް.ކަމަނާ އިސްތިއުފާދެއްވާފަ ގެއަށްވަޑައިގަންނަވާ. ކޮބާ ސިވިލްސާރވަންޓުންގެ ފްލެޓްތައް. އެތައްބައެއްގެ ހައްގަށް ތުޔައަރާވަޑައިގަންނަވަނީ

  5. ޢަދުރޭ

    ފްލެޓްތައް ނިމިފަ ހުރިއިރުވެސް ނުދޭން ކޮންމެސް ބަހަނާއެއް ދައްކަނީ . ރައްޔިތުން މިޖެހެނީ ކުރީގެ ސަރުކާރުން ރައްޔިތުންނަށް ދޭން ބިނާކޮށްނިންމާފަ ހުރި ފްލެޓްތަކަށްވެސް އެދި އާދޭސް ކުރަން . ކޮށްދޭނަން ! ކޮށްދޭނަން ނޫން އެއްޗެއް ރިޔާސީ އިންތިޚާބުއްސުރެ މިއަދާ ހަމަޔަށްވެސް ނުކިޔާ . ރައްޔިތުން ޅޮސް އުނދޯއްޔަށް އަރުވައިގެން ހެއްލަނީ . ފްލެޓްތައް ރައްޔިތުންނާ ހަވާލް ކުރޭ. ޢެހެން ނޫނީ އަހަރުމެން ސީދާ ޙަރަކާތަށް ނުކުންނާނަން ރޯދަމަސް ހަމަ ނިމޭތަނުން . ބަހަނާ ދައްކާނެ ކަމެއް ނެތް