ދުނިޔޭގެ ފެނުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އެންވަޔަރަމެންޓް މިނިސްޓްރީގެ ފަރާތުން ކުރިޔަށްގެންދާ ތަފާތު ޙަރަކާތްތަކުގެ ތެރެއިން ފެނާއި ނަރުދަމާ ނިޒާމަށް މީހުން ހޭލުންތެރިކުރުވުމަށް 2017 ވަނަ އަހަރު ޤައުމީ ފެންވަރުގައި އިފްތިޠާހު ކުރެވިފައިވާ ފެންފަހި ކެމްޕޭންގެ ދަށުން ތިން ޕްރޮގްރާމެއް އިފްތިތާހުކޮށްފިއެވެ.

އެގޮތުން މިއަދު އިފްތިތާހު ކުރި ތިން ޕްރޮގްރާމަކީ "ފެންފަހި ނިއުސްލެޓަރ"، "ކޮމިއުނިކޭޝަން ޕްލޭން" ، "އިންސްޓަރގުރާމް ފޮޓޯ ކޮންޕެޓިޝަން" އެވެ.

އެންވަޔަރަމެންޓް މިނިސްޓްރީން ވިދާޅުވީ މިއަދު ނެރުނު ފެންފަހި ނިއުސްލެޓަރގެ މަޤްސަދަކީ ފެނާއި ނަރުދަމާގެ މަސައްކަތްތަކުގެ ތެރެއިން ކުރިއަށް ގެންދެވޭ މަޝްރޫޢުތަކާއި ހިންގޭ ތަފާތު ޕްރޮގްރާމްތަކުގެ މައުލޫމާތު އާމުންނާއި ކަމާބެހޭ ބޭފުޅުންނަށް ފޯރުކޮށްދިނުން ކަމަށެވެ.

މީގެތެރެއިން އެކި ރަށްރަށުގައި ހިންގޭ ބޯފެނުގެ މަޝްރޫޢު، ފެނުގެ ނިޒާމު ޤާއިމުކުރުމުގެ މަޝްރޫޢު އަދި ނަރުދަމާ ނިޒާމުގެ މަޝްރޫޢުތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ފޯރުކޮށްދެވޭނެ ކަމަށާއި މި ނިއުސްލެޓަރ ނެރުމަށް ހަމަޖެހިފައިވަނީ ކޮންމެ ތިން މަހަކުން އެއްމަހު ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.

ދެވަނައަށް ލޯންޗްކުރެވުނު ފެންފަހި ކޮމިއުނިކޭޝަން ޕްލޭނަކީ ފެންފަހި ކެމްޕެއިންގެ ދަށުން ހިންގޭ އެކިއެކި ހަރަކާތްތަށް ރާވައި ކުރިއަށް ގެންދާނެގޮތުގެ ތަފްސީލުތަށް އެކުލެވިގެންވާ ލުއި ފޮތެކެވެ.

އެގޮތުން މި ފޮތުގައި ރައްޔިތުންނަށް ދޭންބޭނުންވާ މެސްޖުތަށް ދިނުމާއި ގެންގުޅެންވީ އުސޫލުތަކާއި، ޓާގެޓް އޯޑިއަންސަށް މެސެޖުތައް ދިނުމާއި އަހުލުވެރިކުރުމުގައި ގެންގުޅެންޖެހޭ އުކުޅުތަކާއި އަދި ވޯކްޝްޕް ސެމިނަރ ފަދަ އެއްވުންތައް ރޭވުމާއި ބާއްވާނެ ގޮތުގެ މަޢުލޫމާތުތަށް ހިމެނިފައިވާނެ ކަމަށް މިނިސްޓްރީން ހާމަކުރެއެވެ.

އަދި އިންސްޓަރގުރާމް ފޮޓޯ ކޮންޕެޓިޝަންގެ ބޭނުމަކީ ފެނާއި ގުޅޭގޮތުން ރައްޔިތުންގެ ތެރޭގައި ހޭލުންތެރިކަން އިތުރުކުރުމެވެ.

މިގޮތުން މި މުބާރާތުގެ މި އަހަރުގެ ތީމަކީ “The Answer is in Nature” އެވެ. މި މުބާރާތުގެ މުއްދަތަކީ މިއަދުން ފެށިގެން 30 ދުވަހެވެ.