ލ. އަތޮޅަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން އެ އަތޮޅުގެ މާމެންދޫގައި ވަރަށް ބޮޑަށް ފެންބޮޑުވުމާއި ގުޅިގެން އިދާރާތަކުން ހަރަކާތްތެރިވާން ފަށައިފިއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކަށް މި ދުވަސްވަރު ކުރަމުންދާ ގަދަ ވިއްސާރައިގައި ލ. މާމެންދޫގައި ފެންބޮޑުވީ މިއަދުއެވެ. މިކަމުގެ ސަބަބުން ބައެއް ގެތަކަށް ފެން ވަދެ ކޮންމެވެސް ވަރެއްގެ ގެއްލުންތަކާއި ވަނީ ކުރިމަތިވެފައެވެ.

ފުލުހުން މިރޭ ވިދާޅުވިގޮތުގައި ލ. މާމެންދޫގައި ފެންބޮޑުވެ ފަސް ވަރަކަށް ގެއަށް ވަނީ ފެން ވަދެފައެވެ. މިކަމާއި ގުޅިގެން ފުލުހުންނާއި އެރަށުގެ ކައުންސިލް އިން ގުޅިގެން ދަނީ ފެން ވަދެފައިވާ ގެތަކުގެ ދޮރުމަތީގައި ވެލިބަސްތާ ޖަހައިދީ އެފަރާތްތަކަށް އެހީތެރި ވަމުންނެވެ.

މި ދުވަސްވަރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ބައެއް އެހެން ރަށްތަކުގައި ވެސް ފެންބޮޑުވެފައި ވެއެވެ. އަދި ލ. އަތޮޅު ހިމެނޭހެން ދެކުނުގެ ސަރަޙައްދުތަކަށް މިއަދު ހަވީރުން ފަށައިގެން ރީނދޫ އެލާޓް ނެރެފައިވާއިރު އެންމެ ދެކުނުގައި އޮންނަ އައްޑޫ ސިޓީގެ ބޮޑު ބައެއްގައި ވެސް ވަނީ ފެންބޮޑުވެފައެވެ. ނަމަވެސް އައްޑޫގައި އިދާރާތަކުން އަދި ހަރަކާތްތެރިވާން ފަށާފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ބިލާޑީ

    ޖީޑީޕީ އެހާމަތިވާއިރު އުޅެންމިޖެހެނީ ފެންފޮދެއް ވެހިލާއިރަށް ޑިޒާސްޓަރ މޯޑުގައި.އެޖެންޑާ 19 އިން ނިކަން ތިކަން ހައްލު ކޮށްދީބަލަ.

    1
    1