ރާއްޖޭގެ މޫސުން ވަރަށް ބޮޑަށް ގޯސްވެ، ބައެއް ރަށްރަށުގައި ފެން ބޮޑުވެފައިވާ އިރު، މޯލްޑިވިއަންއިން މިރޭ ފުވައްމުލަކަށް ކުރުމަށް ހަމަޖެހިފައިވާ ދަތުރުތައް ކެންސަލް ކޮށްފިއެވެ.

މޯލްޑިވިއަންއިން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައި ވަނީ މޫސުން ގޯސްވެ، މިރޭ ފުއައްމުލަކަށް ކުރުމަށް ހަމަޖެހިފައިވާ ދަތުރުތައް ކެންސަލް ކޮށްފައިވާ ކަމަށާއި، އެކަމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވި ދަތިތަކަށް ނިހާޔަތަށް މައާފަށް އެދޭ ކަމަށެވެ. އަދި ދަތުރުތަކުގެ އިތުރު މައުލޫމާތު ފޯރުކޮށްދެމުންދާނެ ކަމަށްވެސް ޓްވީޓްގައިވެއެވެ.

ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރަމުންދާ އިރު، މޫސުމާ ބެހޭ އިދާރާއިން ވަނީ ނުވަ އަތޮޅަކަށް ރީނދޫ އިންޒާރު ދީފައެވެ. އޭގެ ތެރެއިން ބައެއް އަތޮޅުތަކުގައި ފެންބޮޑިވެފައިވާ އިރު، އައްޑުއާއި ލ. ފޮނަދު އަދި މާމެންދުވެސް އޭގެ ތެރޭގައި ހިމެނެއެވެ.