މިއަހަރުގެ ފިޠުރު ޢީދު ނަމާ ކުރާ ސަރަހައްދުގެ ކަންކަން ބެލެހެއްޓުމުގައި ބިދޭސީންވެސް ހަރަކާތްތެރިވާނެ ކަމަށް، އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެ އެވެ.

ފިޠުރު ޢީދު ނަމާދާއި ގުޅޭގޮތުން މަޢުލޫމާތު ދެއްވުމަށް މިއަދު އިސްލާމިކް މިނިސްޓްރީގައި ބޭއްވި ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަހުމަދުﷲ ޖަމީލް ވިދާޅުވީ، މާލޭގައި ބޮޑު ޖަމާޢަތުގައި ފިޠުރު ޢީދު ނަމާދުކުރުމަށް ހަމަޖެހިފައިވަނީ މާފަންނު ބޯޅަ ދަނޑުގައި ކަމަށާއި، އެ ސަރަހައްދުގެ ކަންކަން ބެލެހެއްޓުމަށް ބިދޭސީންވެސް ހަރަކާތްތެރިވާނެ ކަމަށެވެ.

"ނަމާދު ކުރާ ސަރަހައްދުގެ ކަންކަން ބަލަހައްޓަވަމުން ގެންދަވާނީ މާލޭ ސިޓީ ކައުންސިލްގެ ފަރާތުން. އޮފިޝަލުންގެ ގޮތުގައި ބިދޭސީންވެސް ހަރަކާތްތެރިވާނެ. އެއީ އޮފިޝަލުންކަން އެނގޭނެހެން ކާޑެއްގެވެސް އެމީހުން އަތުގަ އޮންނާނެ. އިދާރަކުރެއްވިއްޔާ އާއްމުންނަށް ފަސޭހަވާނެހެން ހުރިހާ އިންތިޒާމުތަކެއް ހުންނާނީ ހަމަޖެހިފަ." އަޙުމަދުﷲ ވިދާޅުވިއެވެ.

މީގެ އިތުރުން އަހުމަދުﷲ ވިދާޅުވީ، ވިލިމާލެ އަދި ހުޅުމާލޭގައި ވެސް ބޮޑު ޖަމާއަތުގައި ނަމާދު ކުރެވޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށާއި، ނަމަވެސް ބައެއް މިސްކިތްތަކުގައިވެސް ޢީދު ނަމާދު ކުރުން ކުރިއަށް ދާނެ ކަމަށެވެ.

މާލޭގެ 24 މިސްކިތެއްގައި އީދު ނަމާދު ކުރާނެ ކަމަށާއި އީދު ނަމާދަށް ދުރުވާ ފަރާތްތަކަށް ފަސޭހަ ވާނެ ގޮތަކަށް ހުރިހާ އިންތިޒާމު ތަކެއްވެސް ހަމަޖެހިގެން ދާނެ ކަމަށް އިސްލާމިކް މިނިސްޓްރީން މަޢުލޫމާތު ދެއްވިއެވެ.

"ވިލިމާލޭގަ ޢީދު ނަމާދު ކުރާނީ ފުޓުބޯޅަ ދަނޑުގައި. ހުޅުމާލޭގައި ކުރާނީ ޣާޒީ ސުކޫލު ކުރިމަތީގައި އޮންނަ ހުސް ބިމުގައި. ވަރަށް ގިނަ ރަށްރަށުންވެސް ރިކުއެސްޓް ކޮށްފައި އޮތީ ބޮޑު ޖަމާއަތުގައި ކުރުމުގެ ހުއްދަ ދިނުމަށް. ބޮޑު ޖަމާއަތުގައި ކުރި ނަމަވެސް އެ ރަށެއްގަ ހުންނަ އެންމެ ބޮޑު މިސްކިތުގައި ޢީދު ނަމާދު ކުރެވޭނެ އިންތިޒާމު ހަމަޖައްސަންވާނެ. މިއީ ވިއްސާރަ ދުވަސް ވަރަކަށްވާތީ އެކަމަށް ޚާއްޞަ ސަމާލުކަމެއް ދޭންވާނެ." އަހުމަދުﷲ ވިދާޅުވިއެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ، އީދު ނަމާދު ކުރާ ސަރަހައްދުގެ ހުރިހާ އިންތިޒާމުތަކެއް މާލޭ ސިޓީގެ ފަރާތުން ހަމަޖައްސާނެ ކަމަށާއި، ޓްރެފިކް ބެލެހެެއްޓުމުގަ ފުލުހުން ހަރަކާތްތެރި ވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އަލްޖިބްރާ

    މީގެ ކުރިންވެސް ތިޔަތަނުގައި ޢީދު ނަމާދު ކުރީ ބަންގާޅީން އޮފިޝަލުންނަށް ބައިތިއްބައި ގެނެއް ނޫން ! މިހާރު ތި ބަންގާޅީން ނަކީ މިޤައުމަށް އޮތް ބޮޑު މުސީބާތަކަށް ވެއްޖެ ! ތިޔަމީހުންތަށް މިޤައުމުން ބޭރު ކޮށްބަލަ ! ކޮންމެހެން އޮފިޝަލުން ބައިތިއްބަން ޖެހޭނަމަ ދިވެހިންވެސް ލިބޭނެ ! އެމީހުން ނުބައިތިއްބާތީ ކަލޭމެނަށް ލިބޭ ކަޓު މަދުވަނީތަ ؟ ކިހާބޮޑު މުސީބާތެއް !

    5
    3
  2. ދޯ

    ދީނަށް ލޯބި ހުރި ދިވެހި ކުދިން ނުވީ ދޯ. ބޭރު މީހުންތަށް ލައިގެން މިކަން ގަޑުބަޑު ނުކޮށްފިއްޔާ ރަނގަޅު.

  3. އަހުމަދު

    ރަނގަޅު މަޑުމަޑުން ގޮސް ބިދޭސީން ގައުމަށް ބާރުވެރިކޮށް ގައުމު ވިއްކާލާ އޭރުން ހުންނާނީ ރަނގަޅަށް މިޔޮށް ހުރިހާ އަހަރެއް ކުރިޔަށް ދިޔައީ މިކަހަލަކަމެއް ނުދެކެން

    8
    2
  4. ދދދދދދ

    އިންޑިއާ ސިފައިން ދޯ؟ އެއީ ބިދޭސީންނެއް ނޫނޭ. އެއީ މި ގައުމުގެ ވެރިން.