ކަސްޓަމްސް ރެކްރިއޭޝަން ކުލަބުގެ ފަރާތުން ކުރިއަށް ގެންދިޔަ ފުރަތަމަ މަދަހަ މުބާރާތުގެ އެއްވަނަ މަރިޔަމް ދީނާ ނިޒާރު އަދި އައިޝަތު ނޫޒާ ނިޒާރު ހޯދައިފިއެވެ.

މަދަހަ މުބާރާތުގެ ވަނަ ވަނަ އަށް ހޮވުނު ދަރިވަރުންނަށް އިނާމާއި ހަނދާނީ ލިޔުން ހަވާލުކުރުމަށް މިއަދު ކަސްޓަމްސްގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ކަސްޓަމްސްގެ އިސް ވެރިން ބައިވެރިވެ ވަޑައިގެންނެވި އިރު، މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ، އެމްއެންޔޫގެ ޗެކްޗަރަރ އައްޝައިޚް ޙަސަން ލަޠީފް މޫސާ އެވެ.

މަދަހަ މުބާރާތުގެ އެއްވަނަ އަށް ދެކުދިން ހޮވިފައިވާ އިރު، ދެވަނަ އަށްވެސް ވަނީ ދެ ކުދިން ހޮވިފައެވެ. އެގޮތުން ދެވަނަ އަށް ހޮވިފައިވަނީ، ޔައީޝް މުޙައްމަދު ނިޔާޒު އާއި ފާތިމަތު ޝާޔަން ފަޠުހީ އެވެ. ތިން ވަނަ އަށް ހޮވިފައިވަނީ ޚަދީޖާ ނޫރާ އެވެ.

ކަސްޓަމްސްގެ ފުރަތަމަ މަދަހަ މުބާރާތުގެ ނަތީއްޖާ ފާޅު ކުރުމުގެ ރަސްމިއްޔާތު - ވަގުތު އިމޭޖްސް: މުހައްމަދު އަފްޒަލް

މު މުބާރާތަކީ ކަސްޓަމްސްގައި މަސައްކަތްކުރާ މުވައްޒަފުންނަށް، ނުވަތަ މުވައްޒަފުންގެ އަނބިން ނޫނީ ފިރިން ނުވަތަ އެ މުވައްޒަފުންގެ ދަރިންނަށް ބައިވެރިވެވޭގޮތަށް އިންތިޒާމުކޮށްގެން ކުރިއަށްގެންދާ މުބާރާތެކެވެ.

މި މުބާރާތް ބޭއްވުމުގެ އެންމެ ބޮޑު ބޭނުމަކީ ކުދިންގެ ހިތްތަކުގައި ދީނީ ކަންކަމަށް ލޯބި ޖައްސާ، މަދަހަ ކިޔުމުގެ ހުނަރުތައް ކުދިންގެ ކިބައިގައި އަށަގެންގެވުން ކަމަށް ކަސްޓަމްސް ރެކްރިއޭޝަން ކުލަބުން މަޢުލޫމާތު ދެއްވައެވެ. މި މުބާރާތުގައި ވަކި ވަކި މަދަހައިގެ އިތުރުން ގުރޫޕު މަދަހަވެސް ވަނީ ހުށަހަޅާފައެވެ.