މަގުމަތީގެ ރައްކާތެރިކަމާއި ގުޅޭ ޕްރޮގްރާމެއް މީސް މީޑިޔާގައި ފަށައިފިއެވެ.

މިކަން ރަސްމީކޮށް ފެށުމުގެ ގޮތުން މިއަދު ހަވީރު ވަނީ މިކަމާއި ގުޅޭ ޚާއްޞަ ރަސްމިއްޔާތެއް އެއް ނަމްބަރު ޖެޓީ ސަރަހައްދުގައި ބާއްވާފައެވެ.

މި ޕްރޮގްރާމަކީ މަގުމަތީގެ ރައްކާތެރިކަމާއި ގުޅޭ ޝިޔާރުތައް ހިމެނޭ ބޯޑުތައް ހިފައިގެން ފޮޓޯ ނެގުމަށްފަހު، މީސް މީޑިޔާގައި އެ ފޮޓޯތައް ހިއްސާކުރާގޮތަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

މި ހަރަކާތާއި ގުޅޭގޮތުން ޔޫތު މިނިސްޓްރީގެ ފަރާތުން މަޢުލޫމާތު ދެއްވަމުން ޝެހެނާޒު ވިދާޅުވީ، ފޮޓޯ ފްރޭމްތައް ހިފައިގެން ފޮޓޯ ނެގުމަށްފަހު ވީހާވެސް ގިނަ ބޭފުޅުން އެ ފޮޓޯތައް ހިއްސާކުރުމަކީ ވަރަށް ބޮޑަށް އެދޭކަމެއް ކަމަށެވެ.

“މި ހަރަކާތަކީ މަގުމަތީގެ ޤަވާއިދުތަކަށް މީހުން ހޭލުންތެރި ކުރުމުގެ ހިންގާ ޕްރޮގްރާމެއް. މީގެ އެންމެ ބޮޑު ބޭނުމަކީ މަގުތަކަކީ އާއްމުންނަށް ރައްކާތެރި އަދި އަމާން ތަނަކަށް ހެދުން. މި ހަރަކާތުގައި ގިނަ ކުންފުނިތަކާއި އެކި އެކި މުއައްސަސާތަކުން ބައިވެރިވާނެ. ފޮޓޯ ޕްރޭމްތައް ތައްޔާރުކޮށްފައި ހުންނާނެ އެކި އެކި ޝިޔާރުގެ ދަށުން. ޖުމްލަ ފަސް ޝިޔާރެއް ހިމަނާފަ ވާނެ.” މި ހަރަކާތާއި ގުޅޭ މައުލޫމާތު ދެއްވަމުން ޝެހެނާޒު ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ވާހަކަ ފުޅު ދައްކަވަމުން ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވީ މާލެއަކީ ވަރަށް ކުޑަތަނެއް ކަމަށާއި ހުރިހާ ބޭފުޅުންވެސް މަގުމަތީގެ ރައްކާތެރިކަމަށް ވަރަށް ބޮޑަށް ސަމާލުކަން ދޭންޖެހޭ ކަމަށެވެ.

މަގުމަތީގެ ރައްކާތެރިކަމާއި ގުޅޭ މީސް މީޑިޔާ ހަރަކާތް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން - ވަގުތު އިމޭޖަސް އަޝްހާދު އަބްދުﷲ

”އެންމެ މުހިއްމު ސިޔާސަތަކީ ދިވެހި ރައްޔިތުންނަށް ސަލާމަތްތެރިކަމާއި ރައްކާތެރިކަން ކަށަވަރު ކޮށްދިނުން. އެއީ މި ސަރުކާރުގެ އެންމެ ބޮޑު ސިޔާސަތަކީ. ގިނަ އަދަދެއްގެ އެކްސިޑެންޓްތަކެއް މިއަދާއި ހަމައަށް އައިއިރު ވަނީ ހިނގާފަ. އެތައް ފުރާނަތަކެއް ވަނީ ދުނިޔެއާއި ވަކިވެފަ. މިއީ އަޅުގަނޑުމެންގެ އަތުގަ ކޮންޓްރޯލް އޮތް ކަމެއް. ވަރަށް ހިތާމަވެރި ކަންކަން އެބަހުރި ހިނގާފަ. ތިބޭފުޅުން ބައްލަވާ، ކަފި ހުރަހަކުން ޤަވާއިދުން ހުރަސް ކުރާ މީހެއްގެ ގައިގައި ސައިކަލަކުން ޖެހި އެމީހާ ދުނިޔެ ދޫކުރުމަކީ ކިހާ ހިތާމަވެރިކަމެއްތޯ. އަޅުގަނޑުގެ އިލްތިމާޞްއަކީ ހުރިހާ ބޭފުޅުންވެސް ސްޕީޑް ކޮންޓްރޯލް ކޮށްގެން ދުއްވުން. ކޮން މަޔަކުތޯ ބޭނުންވާނީ ނޫނީ ކޮންބަފަޔަކުތޯ ބޭނުންވާނީ އެމީހާގެ ދަރިފުޅު އެކްސިޑެންޓެއްގަ މަރުވެގެންދާން.” ފައިޞަލް ވިދާޅުވިއެވެ.

މި ހަރަކާތަކީ ޔޫތު މިނިސްޓްރީ އިސްނަގައިގެން ކުރިއަށް ގެންދާ ހަރަކާތެކެވެ.