އައިޖީއެމްއެޗްގެ އެމަރޖެންސީ ރޫމު ހޫނުވުމުގެ ސަބަބުން ދިމާވި ދަތިތައް މިހާރު އެއްކޮށް ހައްލުކޮށްފިއެވެ.

އެ ހޮސްޕިޓަލްގެ ސީއީއޯ އިބްރާހީމް ސަލީމް ވިދާޅުވީ، އައިޖީއެމްއެޗްހުރި މައި "ކޫލިންގ ސިސްޓަމް" ހަލާކުވެ އެކަން ހައްލުކުރުމަށް މިދިޔަ އަހަރުގެ މެއިމަހު ކޫލިންގ ޓަވަރެއް ބެހެއްޓުމަށް ވީލް އިންޖިނިއަރިންގ ނަމަކަށް ކިޔާ ކުންފުންންޏަކާ ހަވާލުކުރި ނަމަވެސް އެ މަސައްކަތް ކުރިއަށްގެންގޮސްފައިނުވާ ކަމަށެވެ.

އަދި ސަރުކާރު ބަދަލުވުމާއިއެކު، އެގްރިމެންޓް ނިމުމަކަށް އައީ ކަމަށް ބުނެ އެ ކުންފުނިން އެ ހޮސްޕިޓަލަށް ސިޓީއެއް ހުށައެޅިކަމަށްވެސް ސަލީމް ވިދާޅުވެއެވެ. އޭގެ ފަހުން ކޫލިންގ ޓަވަރުގެ މަސައްކަތް ކުރީ ސީދާ އައިޖީމް ހޮސްޕިޓަލާއި، ކޫލިންގ ޓަވަރ މެނުފެކްޗަރކުރާ ކުންފުންނާ ގުޅިގެންކަމަށް ސަލީމް ވަނީ ފާހަގަކުރައްވާފައެވެ.

އަދި ސަރުކާރުގެ ތެރެއިން ހޯދަން ޖެހޭ ހުއްދަތައް ހޯދައި ކޫލިންގ ސިސްޓަމްތައް ރާއްޖެއަށް ގެނެވިފައިވަނީ މި މެއި މަހުގެ ނުވަ ވަނަ ދުވަހުކަމަށް ސަލީމް ވިދާޅުވިއެވެ. އަދި ކުރިން އެ މަސައްކަތް ހަވާލު ކުރި ކުންފުންޏާއެކު އެއްބަސްވުމަކަށް އައިސް، ކޫލިންގ ޓަވަރުތައް އައިޖީއެމް ހޮސްޕިތަލަށް ގެނެސް އެސެމްބަލްކޮށް އެ މަސައްކަތް އެއްކޮށް މިހާރު ނިންމާލާފައިވާކަަމަށް ސަލީމް ވިދާޅުވިއެވެ.

އައިޖީއެމްއެޗްގެ ކޫލިންގ ޓަވަރު ބެހެއްޓުމަށް ހަ ލައްކަ ތިރީސް ހަ ހާސް ރުފިޔާ ހަރަދުކޮށްފައިވެއެވެ.