ލާމު ލިންކްރޯޑުން ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެ، ހިނގާފައި ދިޔަ މީހެއްގެ ގައިގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި އިއްޔެ އިރުއޮއްސުނުހާއިރު މި އެކްސިޑެންޓު ހިނގީ، ލ. މާންދޫ އާއި ވީކޮޅުން ދުއްވާފައި ދިޔަ ސައިކަލެއް ކުރުހިންނާ ތެރެ މަގުން ހިނގާފައި ދިޔަ މީހެއްގެ ގައިގައި ޖެހިގެންނެވެ. މި ހާދިސާ ހިނގި ވަގުތު އެކްސިޑެންޓުވި މީހާ އާއި އެކު އިތުރު ދެމީހަކުވެސް ތިއްބެވެ. ނަމަވެސް އެ ދެމީހުން ވަނީ އަނިޔާއެއް ނުލިބި ސަލާމަތްވެފައެވެ.

ލާމު ލިންކުރޯޑުގައި ހިނގާފައި ދިޔަ މީހެއްގެ ގައިގައި ޖެހުނު ސައިކަލް

މި ހާދިސާގައި އަނިޔާވެފައި ވަނީ ބިދޭސީ ފިރިހެނަކަށެވެ. އޭނާގެ ގައިގައި ޖެހުނު ސައިކަލް ދުއްވަން އިނީ މެދު އުމުރުގެ ލ. ގަމަށް ނިސްބަތްވާ ފިރިހެނެކެވެ. މި އެކްސިޑެންޓު ހިނގި ވަގުތު، ބިދޭސީ މީހާގެ ގައިގައި ސައިކަލުން ޖެހި ދުއްވަން ހުރި މީހާވެސް ވަނީ ސައިކަލާއެކު ވިއްސައިގެން ގޮސް އެ ސަރަޙައްދުގައި ހުރި ގަސްތަކެއްގެ ތެރޭގައި ޖެހިފައެވެ.

މި ހާދިސާގައި އަނިޔާވި ބިދޭސީ މީހާގެ ބުރަކައްޓާއި ހަށިގަނޑުގެ އެހެން ތަންތަނަށް ބައެއް ކަހަލަ އަނިޔާ ލިބިފައިވާ ކަން އެނގުނު ނަމަވެސް އޭނާ އަށް ލިބުނީ ކިހައިވަރެއްގެ އަނިޔާތަކެއް ކަމެއް އަދި ނޭނގެއެވެ. މި ހާދިސާގައި ސައިކަލް ދުއްވަން ހުރި މީހާއަށްވެސް ޒަޚަމްތަކެއް ލިބިފައި ވެއެވެ.

ފުލުހުން ދަނީ މި އެކްސިޑެންޓު ހިނގިގޮތް ބަލައި ހާދިސާ ތަހުޤީޤު ކުރަމުންނެވެ. މި ހާދިސާގައި އަނިޔާވި ބިދޭސީ މީހާ އާއި ސައިކަލް ދުއްވަން އިން މީހާއަށް މިހާރު ދަނީ ފަރުވާދެމުންނެވެ.