ބޮޑު ޖަމާޢަތުގައި އީދު ނަމާދު ކުރުން މާލޭގައި ކުރިއަށް ނުގެންދަން ނިންމާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީ އިން ވިދާޅުވެއްޖެއެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ މާލޭގެ އަވަށްތަކުގައި ބޮޑު ޖަމާޢާތުގައި ފިތުރު ޢީދު ކުރުން ކެންސަލް ކުރީ މޫސުން ތަންނުދިނުމުގެ ސަބަބުން ކަމަށެވެ. އިސްލާމިކް މިނިސްޓްރީ އިން ވިދާޅުވީ މާލޭގައި ހުކުރު ކުރާ ހުރިހާ މިސްކިތެއްގައި ފިތުރު ޢީދު ނަމާދު ކުރާ ގޮތައް މިހާރު ހަމަޖެހިފައިވާ ކަމަށެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވީ ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ އެކިހިސާބަށް ވިއްސާރަ ކުރާނެ ކަމަށާއި އަދި ގުގުރުން ވެސް އެކަށީގެންވާ ކަމަށެވެ. އަދި ބައެއް ރަށްތަކަށް ބޯކޮން ވާރޭ ވެހޭނެ ކަމަށްވެސް ލަފާކުރެވެއެވެ.

ދެކުނާއި ހުޅަނގުދެކުނުް، ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރު މިނުގައި އަދި އެހެން ހިސާބުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށް ލަފާކުރެވެއެވެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަޑަކަށް 40 މޭލަށް ވައި ގަދަވުން އެކަށީގެންވެއެވެ.

އުތުރާއި މެދުތެރޭގެ ކަނޑުތައް ގަދަވާނެ ކަމަށާއި އަދި ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށް ވެސް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވެއެވެ.