މޫސުން ގޯސްވެ ރާއްޖޭގެ އިތުރު ހަތް އަތޮޅަކަށް ރީނދޫ އިންޒާރު ނެރެފިއެވެ.

މިރޭ 2:45 ހާއިރު މޫސުމާއި ބެހޭ އިދާރާ، މޯލްޑިވްސް މީޓިއޮލޮޖިކަލް ސެންޓަރ (މެޓް) އިން އިތުރު ރީނދޫ އިންޒާރެއް ނެރެފައި މިވަނީ، ދެކުނުގެ ބޮޑު ސަރަޙައްދަކަށް ކުރިންވެސް އިންޒާރު ނެރެފައި ވަނިކޮށެވެ.

މިރޭ ދެވަނަ ފަހަރަށް ރީނދޫ އިންޒާރު ނެރެފައި ވަނީ، އދ. އަތޮޅުން ފަށައިގެން ގއ. އަތޮޅާއި ހަމައަށެވެ. މޫސުމާއި ބެހޭ އިދާރާއިން މި ސަރަޙައްދުތަކަށް ރީނދޫ އިންޒާރު ނެރެފައި ވަނީ މިރޭ 3:00 އިން ފަށައިގެން ހެނދުނު 6:00 އާއި ހަމައަށެވެ.

މޫސުމާއި ބެހޭ އިދާރާއިން ވިދާޅުވިގޮތުގައި މި އެލާޓްގެ ވަގުތުގައި، އެލާޓް ނެރެފައިވާ ސަރަޙައްދުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށްވެސް އެ އިދާރާއިން ވަނީ ވިދާޅުވެފައެވެ.

ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް މޫސުމާއި ބެހޭ އިދާރާއިން މިރޭ ކުރިން ރީނދޫ އިންޒާރު ނެރެފައި ވަނީ، ގއ. އަތޮޅުން ފަށައިގެން އައްޑޫ ސިޓީ އާއި ހަމައަށް މިރޭ 1:45 އިން ފަށައިގެން 4:45 އާއި ހަމައަށެވެ. އެ އިދާރާއިން ވިދާޅުވީ، އިންޒާރުގެ ވަގުތުގައި މި ސަރަޙައްދަށްވެސް ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށެވެ. މީގެ އިތުރުން އެ އިދާރާއިން މިރޭ 11:00 އިން ފަށައިގެން 4:00 އާއި ހަމައަށް މުޅި ރާއްޖެއަށް ހުދު އިންޒާރުވެސް ނެރެފައި ވެއެވެ. ބައެއް ސަރަޙައްދުތަކަށް ނެރެފައިވާ ހުދު އިންޒާރު، ރީނދޫ އިންޒާރަށް ބަދަލުކޮށްފައި ވަނީ މޫސުން އިތުރަށް ގޯސްވަމުންދާތީއެވެ.

މި ދުވަސްވަރު ރާއްޖޭގެ އެކި ހިސާބުތަކަށް ކުރަމުންދާ ވިއްސާރައިގައި ބޯކޮށް ވާރޭވެހި ބައެއް ރަށްތަކުގައި ދަނީ ފެންބޮޑުވުމުގެ ހާދިސާތައްވެސް ހިނގަމުންނެވެ. މީގެ އިތުރުން މި ވިއްސާރައިގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ކަނޑުތައް ގަދަވުމާއި ގުޅިގެން ކަނޑު ދަތުރުފަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިދާރާތަކުން އިލްތިމާސް ކުރެއެވެ.

ރާއްޖޭގެ މޫސުން ކުރިޔަށް ލަފާކުރާގޮތް ހާމަކޮށް ރޭ މޫސުމާއި ބެހޭ އިދާރާއިން ވިދާޅުވީ، ކުރިޔަށް އޮތް 24 ގަޑިއިރުވެސް ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަވެ މޫސުން ގޯސްވާނެ ކަމަށެވެ. އަދި ދެކުނުގެ އަތޮޅުތަކަށް ދެކުނާއި ހުޅަނގު ދެކުނުން ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށާއި އެހެން ހިސާބުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ.

އެ އިދާރާއިން އިތުރަށް ވިދާޅުވީ، އުތުރާއި މެދުތެރޭގެ ކަނޑުތައް ގަދަވާނެ ކަމަށާއި، ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށެވެ. މި ސަބަބާއި ގުޅިގެން ހުރިހާ ފަރާތްތަކުން، ޚާއްސަކޮށް ކަނޑު ދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޫސުމާއި ބެހޭ އިދާރާ އިން ވަނީ އިލްތިމާސްކޮށްފައެވެ.


 

މޫސުމާ ގުޅިގެން ނެރޭ އިންޒާރުތައް:

ހުދު އިންޒާރު: މި އިންޒާރުގައި މޫސުމަށް ސަމާލުވާންޖެހެއެވެ. ކޮންމެވެސް ވަރަކަށް ވައިގަދަވެ، ވާރޭ ވެހި، އާންމު ގޮތެއްގައި ކަނޑުތައް ގަދަ ވާނެއެވެ. ވައިޖެހޭނީ 20 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނެއްގައެވެ. ވައިޓް އިންޒާރު ނެރެފައިވާނަމަ، ދަތުރަށް ފެށުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުން މުހިއްމެވެ.

ރީނދޫ އިންޒާރު: މި އިންޒާރުގެ މުއްދަތުގައި ވައި ބާރުވެ، ބޯކޮށް ވާރޭ ވެހޭނެއެވެ. އާދަޔާ ޚިލާފަށް ކަނޑުގަދަވެ، ވައި ބާރުވާނެއެވެ. މި އިންޒާރުގެ މުއްދަތުގައި ކަނޑުމަގުން ކުރާ ދަތުރުތައް ކުރުމުގައި ސަމާލުވާން ޖެހޭނެއެވެ. ވިދާ ގުގުރާ ބޯކޮށް ވާރޭވެހޭނެއެވެ. އުދައެރުންފަދަ ކަންތައް ދިމާވުމަކީ އެކަށީގެންވާކަމެކެވެ. މި އިންޒާރު ނެރުމާއެކު ދަތުރުފަތުރުކުރާ ފަރާތްތަކުންނާއި، ހިކިފަސް ތަންތަނުގައި ތިބޭ ފަރާތްތަކުންވެސް މޫސުމާބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯދައި، މޫސުމަށް ސަމާލުކަން ދިނުމަކީ މުހިއްމުކަމެކެވެ.

ރަތް އިންޒާރު: މި އިންޒާރުގެ މުއްދަތުގައި ބާރުގަދަ ކޮޅިގަނޑުތައް އެރުމަކީ އެކަށީގެންވާކަމެކެވެ. ކަނޑު ދަތުރުފަތުރު ކުރުމަށް ދަތިތައް ކުރިމަތިވާ މިންވަރަށް ކަނޑުގަދަވާނެއެވެ. އާދަޔާ ޚިލާފަށް ވައިގަދަވެ، ވިދާ ގުގުރައި، ބޯކޮށް ވާރޭވެހޭނެއެވެ. ކަނޑު ދަތުރުފަތުރު ކުރުމަކީ މި އިންޒާރުގެ މުއްދަތުގައި ކޮށްގެންވާނެކަމެއް ނޫނެވެ. ކޮޅިގަނޑެއްގެ ސަބަބުން ނުރައްކާތެރި ޙާދިސާއެއް ހިނގައިފާނެފަދަ ތަންތަނުގައި ދިރިއުޅޭ ފަރާތްތަކުން ރައްކާތެރި ހިސާބުތަކަށް ދިޔުމަކީ މުހިއްމުކަމެކެވެ. މި އިންޒާރު ނެރުމާއެކު ކަމާ ބެހޭ ފަރާތްތަކުން އަބަދުވެސް ތިއްބަވާނީ ދިމާވެދާނެ ޙާދިސާއަކުން މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ތައްޔާރުވެގެންނެވެ.

ފެހި އިންޒާރު: މިއީ މޫސުން އާންމު ގޮތެއްގައި ރަނގަޅުނަމަ ނެރޭ އެލާޓެކެވެ. މި އިންޒާރު ނެރުމުން އާންމު ޙާލަތަށް ރުޖޫޢަވީއެވެ.