ދަތުރުކުރަމުން ދަނިކޮށް ގުޅުން ކެނޑި ޚަބަރެއް ނުވެގެން ހޯދަމުން ދިޔަ ދޯނި، އެމްއެންޑީއެފް ކޯސްޓްގާޑުން ހޯދައިފިއެވެ.

މިކަން ހާމަކޮށް އެމްއެންޑީއެފް އިން ވިދާޅުވީ، މިއަދު ހަވީރު 17:20 ހާއިރު ގެއްލިގެން ހޯދަމުން ދިޔަ އެ ދޯނި ފެނިފައި ވަނީ މިރޭ 22:30 ހާއިރު ކަމަށެވެ.

މާލެ އިން ފުރައިގެން އައްޑޫ ސިޓީއަށް ދަތުރުކުރި، "އުފުރިޔާ" ނަމަކަށްކިޔާ 33 ފޫޓުގެ މި ދޯނި ހޯދާފައި ވަނީ، ދޯނި ހޯދުމުގެ މަސައްކަތް ކުރަމުން ދިޔަ އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންގެ ފާސްޓް އިންޓަރ ސެޕްޓަރ ކްރާފްޓް "މާފަތް" ލޯންޗަށެވެ. މި ދޯނި ފެނިފައި ވަނީ ލ. ގަމުގެ އިރުން 31 ނޯޓިކަލް މޭލު ބޭރުން އިންޖީނު ހުއްޓިފައި އޮއްވައި ކަމަށް އެމްއެންޑީއެފް އިން ވިދާޅުވެއެވެ.

މި ދޯނި ގެއްލުނު ކަމުގެ ރިޕޯޓް އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯރޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބުމާއެކު ދޯނި ހޯދުމަށްޓަކައި މާލެ އިން ފުރައިގެން އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ޝަހީދު ޢަލީ ވެސް ހަރަކާތްތެރިވެފައި ވެއެވެ.

އެމްއެންޑީއެފް އިން ވިދާޅުވިގޮތުގައ، "އުފުރިޔާ" ދޯނި ފެނުނުއިރު އޭގައި ތިން ދިވެހިން ތިބި ކަމަށާއި، އެ އެންމެންގެ ހާލުވެސް ރަނގަޅު ކަމަށެވެ. މި ދޯނި ކަފުޖަހާނެ އުޅަނދެއް ހޯދުމުގެ މަސައްކަތް ދޯނީގެ ވެރިފަރާތުން މިހާރު ކުރަމުންދާއިރު، ދޯނި ކައިރީގައި އެމްއެންޑީއެފްގެ "މާފަތް" ލޯންޗް ދަނީ ހަރަކާތްތެރިވަމުންނެވެ.

ދަތުރުކުރަމުން ދަނިކޮށް ހާލުގައި ޖެހި ދޯންޏެއް ގެއްލުމުގެ ހާދިސާއެއް ހިނގައިދިޔައިރު، ފާއިތުވެދިޔަ ވަގުތުތަކުގައި ރާއްޖޭގެ އެކި ހިސާބުތަކަށް ވަނީ ވަރަށް ބޮޑަށް މޫސުން ގޯސްވެ ކަނޑު ގަދަވެފައެވެ. މި ސަބަބަށްޓަކައި ކަނޑު ދަތުރުފަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިދާރާތަކުން އިލްތިމާސް ކުރެއެވެ.

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރަ އާއި ގުޅިގެން މޫސުމާއި ބެހޭ ޤައުމީ އިދާރާއިން މިރޭ މުޅި ރާއްޖެއަށް ހުދު އިންޒާރު ނެރެފައި ވެއެވެ. އެއަށްފަހު ބައެއް ހިސާބުތަކުގެ މޫސުން އިތުރަށް ގޯސްވުމާއި ގުޅިގެން ބޮޑު ބަޔަކަށް ވަނީ ރީނދޫ އިންޒާރުވެސް ނެރެފައެވެ. މޫސުމާއި ބެހޭ އިދާރާއިން ވަނީ، ކުރިޔަށް އޮތް ވަގުތުތަކުގައި ވިލާގަނޑުގައި ގަޑިއަކު 40 މޭލާއި 45 މޭލާއި ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ލަފާކޮށްފައެވެ.