މިއަހަރުގެ ފިޠުރު ޒަކާތުގެ ގޮތުގައި ނ.މާޅެންދޫއަށް ބަލައިގަތް ފައިސާ، ބަހާނެ ފަޤީރަކު އެރަށުގައި ނެތުމުން، އެ ފައިސާ އެ އަތޮޅު ލަންދޫގައި ތިބި ފަޤީރުންނަށް ބެހުމަށްޓަކައި، ލަންދޫ ކައުންސިލާއި ހަވާލުކޮށްފިއެވެ.

މިކަމާއި ގުޅޭގޮތުން "ވަގުތު" އަށް މަޢޫލޫމާތު ދެއްވަމުން މާޅޭދުންދޫ ކައުންސިލްގެ ޒިންމާދާރުވެރިޔާ އިބްރާޙިމް މުޙައްމަދު ވިދާޅުވީ، އެރަށުގައި ފަޤީރެއްގެ ގޮތުގައި މީހަކު ރަޖިސްޓްރީކޮށްފައި ނެތުމުގެ ސަބަބުން، އިސްލާމިކް މިނިސްޓްރީގެ ހުއްދަ އާއި އެކު، އިއްޔެގެ ވަގުތެއްގައި އެ ފައިސާ ލަންދޫ ކައުންސިލާއި ހަވާލުކޮށްފައިވާ ކަމަށެވެ.

"އަޅުގަނޑުމެން ލިޔުމުން ފޮނުވީ މިނިސްޓްރީއަށް، މިރަށުގައި ފަޤީރަކު ނެތް ވާހަކަ ބަޔާންކޮށްފައި. ދެން އަޅުގަނޑުމެންނަށް އެންގީ އެންމެ ކައިރީގައި އޮތް ރަށަކާއި ހަވާލުކުރަން. އެގޮތުން ލަންދޫ ކައުންސިލާއި ހަވާލުކުރީ." އިބްރާޙިމް ވިދާޅުވިއެވެ.

ފިޠުރު ޒަކާތުގެ ގޮތުގައި ދިހަ ހާހަށް ވުރެ ގިނަ ރުފިޔާ އެރަށުން ވަނީ ބަލައިގަނެފައެވެ. މާޅޭންދޫ ކައުންސިލްގެ ފަރާތުން މަޢުލޫމާތު ދެއްވާ ގޮތުގައި 2017 ވަނަ އަހަރުވެސް އެރަށުގައި ފަޤީރަކު ނެތެވެ. ނަމަވެސް މިދިޔަ އަހަރު ފަޤީރުންގެ ލިސްޓުގައި އެކަކު ރަޖިސްޓްރީ ކުރިކަމަށް ވިދާޅުވިއެވެ.

މާޅެންދޫއަށް ބަލައިގަތް ޒަކާތުގެ ފައިސާ ލަންދޫ ކައުންސިލާއި ހަވާލުކޮށްފައިވާއިރު، ފަޤީރުންގެ ގޮތުގައި ތިން މީހަކު އެ ރަށުގައި ވަނީ ރަޖިސްޓްރީ ކޮށްފައެވެ. އެހެންކަމުން މިދެރަށުގެ ފައިސާ އެއްކޮށްލުމުން، ކޮންމެ މީހަކަށް ގާތްގަނޑަކަށް 8000 ރުފިޔާ ލިބޭނެކަމަށް މަޢުލޫމާތު ލިބެއެވެ.

މިއަހަރު މުޅި ރާއްޖެ އިން ފިތުރު ޒަކާތުގެ ގޮތުގައި ފަސް މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބުނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ލިލިއަން♥️

    ޢުފާވެރި ހަބަރެއް

    17
  2. Anonymous

    ??

  3. ހަސަން

    ޒަކާތް ހައްގުވާ ފަގީރުންނަކީ ކައުންސިލްގައި ނަންނޯޓްކުރަންޖެހޭނެ ބައެއްނޫން!! ކައުންސިލުން ބަޔަކު ނުވަތަ މީހަކު ފޮނުވައިގެން ހުރިހާގޭގެ ވެސް ބަލަންޖެހޭނެ ޒަކާތް ހައްްްްޤުވާ މީހަކު އޭގެން ގެ އެއްގަ އުޅޭތޯ. މި ކަން އިސްލާމް ދީނުގަ އޮންނަގޮތަކީ!!

    • މަ

      ނޭނގޭ ވާހަކަ ނުދައްކާ. ގިނައީ ކައުންސިލުތަކުގަވެސް ދޮގުަހަދާ މީހުން.