ރާއްޖޭގައި އިއުލސަކުއްލި ނުރައްކަލުގެ ހާލަތު ނިމިފައިވީ ނަމަވެސް ސަރުކާރުން މިހާރު ވެސް ބައެއް ކަންކަން ކުރަމުންދަނީ ކުއްލި ނުރައްކަލުގައި ކަންކަން ކުރި ގޮތަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ވިދާޅުވެއްޖެ އެވެ.

އިދިކޮޅު ޕާޓީތަކުގެ ފަރާތުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިންތި ވިދާޅުވީ ސަރުކާރުން އަދިވެސް ކަންކަން ކުރަނީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ކަމަށެވެ.

"ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކުރި ސިޔާސީ ބޭފުޅުންނަށް ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ބެހެއްޓުމަށް އަމުރު ނެރެ މާފުށީ ޖަލަށް މިހާރުވަނީ ބަދަލުކޮށްފައި" އިންތި ވިދާޅުވިއެވެ.

މާފުށީ ޖަލުގައި ބަންދުކޮށްފައިވާ ބޭފުޅުން ތިއްބެވީ އަސާސީ ހައްގުތަކުން މަހުރޫމްކޮށް ޒަރޫރީ ބޭނުންތައް ވެސް ނުފުދި ކަމަށް ވިދާޅުވެ އިންތި ވިދާޅުވީ ހައްޔަރު ކުރި އެބޭފުޅުންގެ ހާލަތު ދެނެގަތުމަށް ކުރާ ކަންކަމަށް ވެސް ހުރަސްތަކެއް ކުރިމަތިވަމުންދާ ކަމަށާއި ސަރުކާރުން އެގޮތަށް އަމަލުކުރަނީ ގާނޫނުއަސާސީ އާއި ޖަލުތަކާއި ބެހޭ ގާނޫނާ ވެސް ހިލާފަށް ކަމަށެވެ.

"ގާނޫނުއަސާސީ އާއި ގާނޫނުތަކަށް ބޯލެނބުމެއްނެތި، ކުށެއްގެ ތުހުމަތުކޮށްފައިވާ އެތައް ބަޔަކު ހައްޔަރުކޮށް މާފުށީ ޖަލަށް ބަދަލުކޮށްގެން ގެންގުޅެނީ ގާނޫނާ ހިލާފަށް" އިންތި ވިދާޅުވިއެވެ.

ދާދި ފަހުން ގޮނޑި ގެެއްލުނު ކަމަށް ސްޕްރީމް ކޯޓުން ކަނޑައެޅި ވިލިނގިލީ ދާއިރާގެ މަޖިލިސް މެންބަރު ސައުދު ހުސައިން "ކުދި ކުދި" ކޮށްލާނެ ކަމަށް ވިދާޅުވެ ޔޫތު މިނިސްޓްރީގެ ކޯޑިނޭޓަރު އިބްރާހީމް ރަޝީދު އިންޒާރު ދެއްވި މައްސަލަ ކުށްވެރިވެސް ކޮއްފައެވެ.

"ސައުދުގެ ހަށިފުރާނައަށް ނުރައްކާކުރާނެ ކަމުގެ އިންޒާރު ޕީޕީއެމްގެ ޖަލްސާއެއްގައި ސަރުކާރުގެ ކޯޑިނޭޓަރަކު ދިނުމަކީ ސައުދަށް މަރުގެ އިންޒާރު ދިނުން އަދި އެކަމުގެ ފުރިހަމަ ޖިނާއީ ތަހުގީގެއް ހިންގެން ޖެހޭ" އިންތި ވިދާޅުވިއެވެ.

އިންތި ވަނީ ދާދި ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ދެއްކެވި ވާހަކައަކާއި ގުޅިގެން ކަމަށް ބުނެ އޭނާގެ މައްޗަށް ތަހުގީގެއް ކުރަމުންދާތީ އޭނާ ފިލައިގެން ރާއްޖެއިން ބޭރަށް ހިނގައިދާނެ ކަމަށް ބަލައި އޭނާ އާއި އިތުރު ބޭފުޅުންތަކެއްގެ ޕާސްޕޯޓު ހިފަހައްޓާފައިވާތީ އެކަން ކުށްވެރިކުރައްވާފަ އެވެ.

އިންތި އެކު މަޑުއްވަރީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އަމީތު އާއި، އަދާލަތު ޕާޓީގެ މީޑިއާ ކޮމިޓީގެ ރައީސް އަލީ ނަޒީރުގެ ޕާސްޕޯޓް ވަނީ ހިފަހައްޓާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މޮހޯ

    ބޭނުން ހާލަތަކަށް ކުރާނީ. ދެނޯ!!!!

  2. ފިތުނައިގެ އިއްތިހާދު

    ކަލޭމެން ބޭނުންހާ ގޮތެއް ހަދަން ދޫކޮއްލާން ވީ ދޯ އޭރުން ތިބުނާ ކުއްލި ހާލަތު އުވިކަމަށް ވާނީ. އިދިކޮޅު ތީ މިގައުމުގެ ފިތުނާގެ ލާމަސީލް