ކޮންމެ އަހަރެއްގެ ފިތުރު އީދާއި ދިމާކޮށް ދިރާގުން ކުރިއަށް ގެންދާ އީދު ހަދިޔާ ބެހުން މިއަދު ކުރިއަށް ގެންގޮސްފިއެވެ.

ކޮންމެ އަހަރެއްގެ އީދު ދުވަހާއި ގުޅުވައިގެން ކުޑަ ކުދިންނަށް އީދު ހަދިޔާ ދިނުމުގެ ބޭނުމަކީ، އީދުގެ މުނާސަބަތްތަކުގައި ހަދިޔާ ބަދަލު ކުރުން އެއީ އަބަދުވެސް ދިވެހިންގެ ތެރޭގައި އޮންނަ ސަގާފަތަކަށްވެފައި، ކުޑަ ކުދިންގެ މެދުގައި މިފަދަ ސަގާފަތްތައް ދިރުވުމަކީ މުހިންމު ކަމެއްކަމަށް އެ ކުންފުނިން ދެކޭތީ ކަމަށް ދިރާގުން ބުނެފައިވެއެވެ.

 

ދިރާގުން ވަނީ މާލެ އަދި އަތޮޅު ތެރޭ ރަށްތަކުގެ ކުޑަ ކުދިންނަށް އީދު ހަދިޔާ ބަހާފައެވެ. އަތޮޅު ތެރޭގައި މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ އެ ކުންފުނީގެ ރީޖަނަލް އޮޕަރޭޝަން ސެންޓަރުތައް ގާއިމްކޮށްފައިވާ ރަށްތަކުގައެވެ.

އެސެންޓަރުތަކުގައި މަސައްކަތް ކުރާ ދިރާގުގެ މުއައްޒަފުންތަށް ވަނީ އީދު ނަމާދަށް ފަހު ކުޑަ ކުދިން އެންމެ ގިނައިން ޖަމާވާ އެކި ސަރަހައްދުތަކަށް ގޮސް، އީދު ހަދިޔާ އެކުދިންނާއި ހަވާލުކޮށްފައެވެ.

 

ކޮންމެ އަހަރަކު ދިރާގުން ކުރިއަށް ގެންދާ މި ހަރަކާތަކީ އެކުންފުނީގައި މަސައްކަތް ކުރަމުން އަންނަ މުވައްޒަފުންގެ އެއްބާރުލުމާއި އެކީ ކުރިއަށް ގެންދާ ހަރާކާތެކެވެ.

އެހެން އަހަރު ތަކާއި އެއްގޮތަށް މިއަހަރުގެ އީދަށް ވެސް ކުޑަ ކުދިންނަށް ހަދިޔާ ދިނުމުގައި ބައިވެރި ވުމަކީ އެ ކުންފުންޏަށާއި، އެތާނގައި މަސައްކަތް ކުރާ އެންމެހާ މުވައްޒަފުންނަށް ލިބިގެން ދިޔަ އުފަލެއް ކަމަށް ދިރާގުން ބުންޏެވެ.