އިދިކޮޅުގެ ފިނޑިއަމަލުތަކުން ޕާޓީ ފަހަތަކަށް ނުޖެއްސޭނެ ކަމަށާއި ހުޅުޖެހި މީހުންނަށް ރައްޔިތުން ނޫނެކޭ ބުނާނެ ކަމަށް ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް އަދި ނިލަންދޫ ދާއިރާގެ މެންބަރު ޑރ.އަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.

ޕީޕީއެމް އިން މާލޭގައި ޖަލްސާތައް ބޭއްވުމަށް ބޭނުންކުރާ "ރުމާލު-2" ޖަގަހަ އަށް އިއްޔެ ރޭ ބަޔަކު ގެއްލުން ދީފައިވާއިރު މި ހަމަލާ އިދިކޮޅު އެމްޑީޕީ އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ކުއްވެރިކުރައްވާފައެވެ.

"ރުމާލު-2" ޖަގަހަގައި ރޯކޮއްްލުމުން ކުރީގެ ރައީސް ނަޝީދު އަދި އިދިކޮޅު އެމްޑީޕީން އެކަން ކުއްްވެރި ކުރީ ރަނގަޅު ނިޔަތެއް އޮވެގެން ތޯ "ވަގުތު" އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް އަދި ނިލަންދޫ ދާއިރާގެ މެންބަރު ޑރ.އަބްދުﷲ ޚަލީލް ވިދާޅުވި ގޮތުގައި، ހުޅުޖެހުން ފަދަ ފިނޑިއަމަލުތަކުން އެ ޕާޓީ ފަހަތަކަށް ނުޖެއްސޭނެ ކަމަށެވެ. އަދި ރައީސް ޔާމީނާ އެކު ގައުމާއި ރައްޔިތުން ދާނީ ކުރިއަށް ކަމަށް ވެސް ވިދާޅުވި އެވެ.

"ގައުމުގައި ހުޅުޖަހަނީ ކޮންބައެއް ކަން އެނގޭ، ރިޔާސީ އިންތިހާބުގައި އެ މީހުންނަށް ރައްޔިތުން ނޫނެކޭ ބުނާނެ, ޖަގަހާގައި ހުޅުޖެހި މައްސަލަ ކުއްވެރި ކުރީ އެއްްވެސް އިހުލާސް ތެރިކަމެއް އަދި ރަނގަޅު ނިޔަތެއް އޮވެގެން ނޫން" ހަލީލް ވިދާޅުވިއެވެ.

"ރުމާލު-2" ޖަގަހަ އަށް ދިން ހަމަލަަ ކުށްވެރި ކުރައްވައި ކުރީގެ ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސުލްހަވެރި ސިޔާސީ ހަރަކާތް ހިންގަން ފުރުސަތު ލިބެންޖެހޭނެ ކަމަށެވެ.

ނަމަވެސް އިދިކޮޅު ޖުމުހޫރީ ޕާޓީން ބުނީ ޕީޕީއެމްގެ ރުމާލު-2 ޖަގަހައަށް ބަޔަކު ދިން ގެއްލުން ރަނގަޅަށް ތަހުގީގު ކުރަން ޖެހޭ ކަމަށާއި ޖަގަހާގައި ހުޅުޖެހީ ޕީޕީއެމުން އަމިއްލައަށް ކަމަށް ވެސް ވެދާނެ ކަމަށެވެ.

ޕީޕީއެމްގެ ޒުވާނުންގެ ގޮފީގެ ރައީސް އިބްރާހިމް ޔޫސުފް އިއްްޔެ "ވަގުތަށް" މައުލޫމާތު ދެއްވަމުން ވިދާޅުވީ "ރުމާލު-2" ޖަގަހައިގައި އަލިފާން ރޯކޮށްލާފައި ވަނީ އިއްޔެ ރޭ ފަތިހު 04:10 ހާއިރު ކަމަށެވެ. ނަމަވެސް އަލިފާން ރޯކޮށްލިތާ ގިނައިރުތަކެއް ނުވަނީސް އަލިފާންގަނޑު ވަނީ ނިއްވާލާފައެވެ.

އިބްރާހިމް ޔޫސުފް ވިދާޅުވީ ޖަގަހަ އަށް ބޮޑު ގެއްލުމެއް ނުލިބުނީ ސެކިއުރިޓީ ބަލަހައްޓަން ހުރި ގާޑްގެ ސަބަބުން ކަމަށެވެ.

"ޕެޓްރޯލް ފުޅިއެއް ހިފައިގެން އެކަކު ޖަގަހަ އަށް ވަނީ. އިތުރު މީހަކު ސައިކަލެއްގައި ބޭރުގައި އިން. އެތެރެއަށް ވަން މީހާ ފުރަތަމަ މަސައްކަތް ކުރީ ސިޑި މަތީގައި ރޯކޮށްލަން. ނަމަވެސް ސެކިއުރިޓީ އެކަމަށް ހުރަސް އެޅުމުން ނިކުމެގެން ދަމުން ސްޓޭޖް މަތީގައި ރޯކޮށްލީ." އިބްރާހިމް ޔޫސުފް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޙަފްޞާ / މާލެ

    ޕީޕީއެމް ޖަހަގާގައި ބަޔަކުލައްވަ ހުޅުރޯކުރުވާފަ " ހުޅުރޯކޮށްލީ އެމްޑީޕީ އޭ އެބަ ކިޔާތަ " އަންނި އަހާލިއެވެ.

  2. ސާބަސް

    ތިއީ ބަލަ ބޮޑު ޑްރާމާއެއްކަން ނެއެނގޭ ހަމައެކަކުވެސް ނެތެވެ. މިއަދު ބޮޑު ދޮގުހަދައިގެން މާދަމާ ނަރަކައަށް މަގު ކޮށާށެވެ.