މިދިޔަ ފެބްރުއަރީ މަހުގެ ފަހުކޮޅު ގެއްލުނު އުމުރުން 19 އަހަރުގެ ޝިމާ ގެއްލުނު މައްސަލާގައި ތުހުމަތު ކުރެވުނު ފަޒީލްގެ ބަންދަށް ކްރިމިނަލް ކޯޓުން މިއަދު ހަތް ދުވަސް އިތުރުކޮށްފިއެވެ.

މީގެ ހަތަރު ހަފްތާ ކުރިން ފަޒީލް ހައްޔަރުކޮށްފައި ވަނީ އުމުރުން ދުވަސްވީ މީހަކު ރަހީނުކުރި މައްސަލާގައެވެ.

އުމުރުން ދުވަސްވީ މީހަކު ރަހީނުކުރި މައްސަލައެއްގައި ފަޒީލް ހައްޔަރުކުރީ ފިލައިގެން އުޅެނިކޮށް ހުޅުމާލެއިންނެވެ. އެ މައްސަލާގައި އޭނާއާއެކު އިތުރު މީހަކުވެސް ހައްޔަރު ކުރިއެވެ.

އަދި އެދެމީހުން އުޅުނީ އެމީހާ ރަހީނުކޮށްގެން ފައިސާތަކެއް ފޭރިގަތުމަށް ކަމަށް މަޢުލޫމާތު ލިބިފައި ވެއެވެ.

ޝިމާ ގެއްލުނު ފަހުން، މީގެ ކުރިންވެސް މިފަދަ މައްސަލައެއްގައި ފަޒީލް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައެވެ. އެފަހަރު އޭނާ ހައްޔަރުކޮށްފައިވަނީ، ގެއްލުނު ޝިމާގެ އުމުރުން 16 އަހަރުގެ އަންހެން ކޮއްކޮއެއް ރަހީނުކޮށްގެން އުޅޭކަމުގެ ޚަބަރު ފެތުރުމާއި ގުޅިގެންނެވެ. އެ ދުވަހު ފަޒީލް ހައްޔަރުކޮށްފައިވަނީ ޝިމާގެ ކޮއްކޮ ގޮވައިގެން އިތުރު ބަޔަކާއެކު ޑިންގީއެއްގައި ދަނިކޮށް ކަނޑުމަތިންނެވެ. އެ މައްސަލަ އާއި ގުޅިގެން ހައްޔަރުކުރި ނަމަވެސް ގިނަ ދުވަހެއް ނުވެ ފަޒީލް ވަނީ ދޫކޮށްލާފައެވެ.

ފަޒީލަކީ ކުށުގެ ރެކޯޑު ކުރިންވެސް އޮތް މީހެކެވެ. ވައްކަން ކުރުމާއި މަސްތުވާތަކެތި ބޭނުންކުރުމާއި މާރާމާރީ ހިންގުން ފަދަ އެތައް މައްސަލައެއްގައި އޭނާ ކުރިންވެސް ހައްޔަރުކޮށްފައިވެއެވެ.