ރާއްޖެއަށް މިދުވަސްވަރު ކުރަމުންދާ ވިއްސާރައިގައި ފާއިތުވި 24 ގަޑިއިރު ތެރޭގައި ހދ. ކުޅުދުއްފުއްޓަށް 123.7 މިލިލީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް ރާއްޖޭގެ މޫސުމާއި ބެހޭ ޤައުމީ އިދާރާ، މޯލްޑިވްސް މީޓިއޮލޮޖިކަލް ސެންޓަރ (މެޓް) އިން ވިދާޅުވެއްޖެއެވެ.

މެޓް އިން ވިދާޅުވިގޮތުގައި ފާއިތުވެދިޔަ 24 ގަޑިއިރު ތެރޭގައި އެންމެ ގިނައިން ވާރޭ ވެހިފައިވަނީ ކުޅުދުއްފުއްޓަށެވެ. އިއްޔެ އާއި މިއަދު އެރަށަށް ކުރަމުންދާ ވިއްސާރައިގައި ރަށުގެ ބޮޑު ސަރަޙައްދެއްގައި ވަރަށް ބޮޑަށް ފެން ބޮޑުވެފައިވާއިރު، ގިނަ އަދަދެއްގެ ގެތަކަށް ވަނީ ފެން ވަދެފައެވެ.

ރޭ ދަންވަރުން ފަށައިގެން ހުއްޓާނުލާ އެރަށަށް ވާރޭ ވެހެމުންދާއިރު، ފެންބޮޑުވެފައިވާ ސަރަޙައްދުތަކުން ފެން ހިއްކުމުގެ މަސައްކަތް ޕަމްޕު ޖަހައިގެން ދަނީ ކުރަމުންނެވެ. މީގެ އިތުރުން ކޯރު ކަނޑައިގެން، ރަށުތެރޭގައި ބޮޑުވަމުންދާ ފެންގަނޑު ބޭރު ކުރުމުގެ މަސައްކަތްވެސް ކުރެވެމުން ދެއެވެ.

ކުޅުދުއްފުއްޓަށް އާދަޔާއި ޚިލާފަށް ބޯކޮށް ވާރޭވެހި ގެތަކަށް ފެން ވަނުމާއި ގުޅިގެން ގެތަކުގައި ހިފާ ގެންގުޅޭ ތަކެއްޗަށް ގެއްލުންތަކެއް ލިބެމުންދާއިރު، މިހާތަނަށް އެރަށުގެ ހަ ގެއެއްގައި ދިރިނޫޅެވޭ ވަރަށް ވަނީ ފެންބޮޑުވެފައެވެ. އެގެތަކުގައި ދިރިއުޅޭ އާއިލާތަކަށް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުން މިހާރު ވަނީ ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައެވެ.

މޫސުން ގޯސްވެ ކުޅުދުއްފުށީގައި ފެންބޮޑުވެ ބޮޑެތި ގެއްލުންތަކެއް ލިބެމުންދާއިރު، އެރަށް ހިމެނޭ ރާއްޖޭގެ އުތުރުގެ ސަރަޙައްދަށް މޫސުމާއި ބެހޭ އިދާރާއިން ދާދި ދެންމެއަކު ވަނީ، މޫސުން އިތުރަށް ގޯސްވެ ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ރީނދޫ އިންޒާރުވެސް ނެރެފައެވެ.