ރީބްރޯޑްކާސްޓަރުންގެ ތެރެއިން ބައެއް ފަރާތްތަކަށް ކޮށްފައިވާ ޖޫރިމަނާ މަޢާފުކޮށްދެއްވުމަށް މޯލްޑިވެސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހުން އެދިއްޖެއެވެ.

އެ ކޮމިޝަނުން ވަނީ ރާއިސް އޮފީހަށް މިކަމާއި ގުޅިގެން ސިޓިއެއްވެސް ފޮނުވާފައެވެ.

ބްރޯޑްކޮމް އިން ފޮނުވާފައިވާ ސިޓީގައި ވަނީ ރާއްޖޭގެ އެކި ރަށްރަށުގައި ލައިސަންސް ނެތި ނުވަތަ ޤަވާއިދާ ޚިލާފަށް އެކި ފަރާތްތަކުން ރީބްރޯޑްކާސްޓްކުރަމުންދާ މައްސަލައާ ގުޅިގެން އެކޮމިޝަނަށް ހުށަހެޅޭ ޝަކުވާތައް ބަލައި އެ ފަރާތްތަކާ މެދު އެޅޭނޭ ފިޔަވަޅެއްގެ ގޮތުގައި ރީބްރޯޑްކާސްޓް ކުރުމުގެ ޤަވާއިދު ގައި ބަޔާންކުރާ ޖޫރިމަނާ، ވޭތުވެދިޔަ 2 އަހަރެއްހާ ދުވަހުގެ ތެރޭގައި ޖުމްލަ 29 ފަރާތެއްގެ މައްޗަށް ކުރެވިފައިވާ ކަމަށެވެ.

އަދި އެ ސިޓީގައި ވަނީ ޖުރިމަނާ ކޮށްފައިވާ ބައެއް ފަރާތްތަކުން އެ ފައިސާ ދައްކާފައިވާ ކަމަށާއި ބައެއް ފަރާތްތަކުން ޖުރިމަނާ މަޢަފުކޮށްދިނުމަށް އެދި ކޮމިޝަނަށް ސިޓީ ހުށަހަޅާފައިވާ ކަމަށާއި 15 ފަރާތެއް ޖުރިމަނާ ނުދައްކައި ތިބި ކަމަށެވެ.

އެ ސިޓީގައި އިތުރަށް ބުނެފައިވަނީ ޖުރިމަނާ މަޢާފު ކޮށްދިިނުމަށް އެދިފައިވާ ފަރާތްތަކަކީ ރަށްރަށުގައި އާމްދަނީ ހޯދުމުގެ ގޮތުން ކުދި ވިޔަފާރި ކުރަމުންދާ ފަރާތްތަކަށް ވެފައި ކުންފުނިތަކުގެ މާލީ ޙާލަތު ހުރި ގޮތުން ޖޫރިމަނާ ދެއްކުމަށް ނުކުޅެދިފައިވާކަމަށެވެ. އަދ އިތުރު ފުރުޞަތެއް ދިނުމަށް އެދޭ ވާހަކަ ވެސް ބަޔާންކޮށްފައިވެއެވެ. ބައެއް ކުންފުނި ތަކުން، ޖޫރިމަނާ މަޢާފުކޮށްދެއްވުމަށް އެދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ވެސް ހުށަހަޅާފައިވާ ކަމުގެ މަޢުލޫމާތު މި ކޮމިޝަނަށް ލިބިފައިވާކަމަށް ވެސް ސިޓީގައި ވަނީ ބުނެފައެވެ.

މިދެންނެވި ކަންތަކުގެ އިތުރަށް ސަރުކާރުގެ ބައެއް ވަޒީރުންގެ އަރިހުންވެސް މީގެ ތެރެއިން ބައެއް ކުންފުނިތަކުގެ ޖޫރިމަނާ މަޢާފުކުރެވޭނެ ގޮތެއް އޮތްތޯ ބަލައިދިނުމަށް އެދި ކޮމިޝަނާ ހަމައަށް މި މައްސަލަ ހުށަހަޅުއްވާފައިވާ ކަމަށާއި އެހެންކަމުން މި ފަދަ ކުންފުނި ތަކަށް ދިމާވެފައިވާ ދަތި ހާލަތަށް ބަލައި މި ކުންފުނިތަކަށް މި ދަތިކަމުން އަރައިގަތުމަށާއި ޤާނޫނާއި ޤަވާއިދުގެ ތެރެއިން ޙަރަކާތްތެރިވުމަށް ހިތްވަރު ދިނުމަށްޓަކައި އިތުރު ފުރުޞަތެއް ހޯދައިދިނުމަކީ މުހިއްމު ކަމެއްކަމަށް ކޮމިޝަނަށް ފެންނާތީ، މިހާތަނަށް ޖޫރިމަނާ ފައިސާ ދެއްކިފައި ނުވާ ފަރާތްތަކުގެ ޖޫރިމަނާ ޤާނޫނާއި ޤަވައިދުގެ ތެރެއިން މަޢާފުކުރެވޭނެ ގޮތެއް ހޯދުމަށް ކޮމިޝަނުން ބޭނުންވާ ކަމަށް ސިޓީގައި ބަޔާންކޮށްފައިވެއެވެ.

މި ދެންނެވި ކަންކަމަށް ރިއާޔަތްކޮށް ސިޓިގައި މުޅިއަކު 2،504،000 ރުފިޔާ މަޢާފުކޮށްދެއްވާތޯ އެދިފައިވެއެވެ.