މާދަމާ ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވާ އިންޑިޔާގެ ބޮޑު ވަޒީރު، ނަރެންދްރާ މޯދީ ރައްޔިތުންގެ މަޖިލީހުގައި ތަގުރީރު ކުރެއްވުމަށް ބާއްވާ ޖަލްސާއާ ގުޅޭގޮތުން، މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރުންނާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މަޝްވަރާ ކުރައްވައިފިއެވެ.

މި މަޝްވަރެާތައް ކުރިއަށްގެންގޮސްފައި ވަނީ މިއަދުއެވެ. މަޖިލީސް އިދާރާއިން ވިދާޅުވީ، މޯދީ ތަޤްރީރު ކުރެއްވުމަށް ޚާއްޞަކޮށްގެން ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއާ ގުޅޭގޮތުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ޕާލިމެންޓަރީ ގުރޫޕް ލީޑަރުންނާ މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.

ޕީޖީ ލީޑަރުންނާއި މަޖިލީހުގެ ރައީސް މަޝްވަރާ ކުރެއްވިއިރު، މި ބައްދަލުވުމުގައި މަޝްވަރާ ކުރެވިގެންދިޔަ ކަންކަމުގެ ތަފްސީލް އެ އިދާރާއިން ހާމަކޮށްފައެއް ނުވެއެވެ.

މި ޖަލްސާ އޮތީ މާދަމާ މަޢްރިބް ނަމާދާއި އިޝާ ނަމާދާއި ދޭތެރޭގައެވެ. ދެ ނަމާދު ދޭތެރޭގައި މި ޖަލްސާ ބާއްވަން ނިންމާފައިވާތީ އިދިކޮޅު ފަރާތްތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި އިދިކޮޅު މެންބަރަކު ވަނީ އެ ޖަލްސާ ބޮއިކޮޓް ކުރާނެ ކަމަށްވެސް ވިދާޅުވެފައެވެ.

ބޮޑުވަޒީރު މޯދީގެ މި ދަތުރުފުޅަކީ، ބޮޑުވަޒީރުކަމުގެ މަޤާމަށް ދެވަނަ ފަހަރަށް އިންތިޚާބު ވުމަށްފަހު، ޤައުމުން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.