ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒުގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތް މިއަދު ބާއްވަން ޝެޑިއުލް ކުރުމަށް ފަހު ކެންސަލްކޮށްފި އެވެ.

މިއަދު 13:30 ގައި ރިޔާޒްގެ ޝަރީއަތުގެ އަޑުއެހުން ބާއްވަން ތާވަލުކުރިއިރު އަޑުއެހުން ކެންސަލްކުރި ސަބަބެއް އެނގިފައެއް ނުވެއެވެ.

މިއަދަށް ތާވަލުކޮށްފައި އޮތީ ރިޔާޒްގެ މައްޗަށް ކޮށްފައިވާ ރަސްމީ ހައިސިއްޔަތަކުން ކުރަން ޖެހޭ ކަމަކަށް ނުފޫޒު ފޯރުވި ކަމަށް ބުނެ ދައުލަތުން ކުރާ ދައުވާގެ އަޑުއެހުމެކެވެ. މި މައްސަލަ އަކީ މިދިޔަ އަހަރުން ފަށައިގެން ތަހުގީގު ކުރަމުން އަންނަ މައްސަލައެކެވެ.

މި ދައުވާ އާއި ގުޅިގެން ރިޔާޒްގެ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ވެސް ކުރިމިނަލް ކޯޓުން ވަނީ އަމުރު ކޮށްފައެވެ.

މާފުށީ ޖަލުގައި މިހާރު ރިޔާޒް ބަންދުކޮށްފައި ވާއިރު ފެބްރުއަރީ އެކެއްގެ ހުކުމަށް ފަހު ހިނގައިދިޔަ ކަންތަކާ ގުޅިގެން އޭނާގެ މައްޗަށް ޓެރެރިޒަމްގެ ދައުވާ ވެސް އުފުލާފައި ވެއެވެ.