އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީގެ ދަތުރުފުޅާ ގުޅިގެން ބަންދު ކުރި މަގުތައް ހުޅުވައިފިއެވެ.

މޯދީގެ ދަތުރުފުޅާ ދިމާކޮށް ރެއިން ފެށިގެން ބޮޑުތަކުރުފާނު މަގުގައި ހުންނަ މަސްވެރިންގެ ޕާކުން ފެށިގެން ދަތުރުވެރިންގެ މާރުކޭޓާއި ހަމައަށް އާންމު ދަތުރުފަތުރުތަކަށް ވަނީ ބަންދުކޮށްފައެވެ.

މޯދީގެ ދަތުރުފުޅާ ގުޅިގެން މާދަމާ ހެނދުނުގެ ނިޔަލަށް މަގުތައް ބަންދުކޮށްފައި ބެހެއްޓުމަށް ކުރިން ނިންމިއެވެ. ނަމަވެސް ފުލުހުން މިރޭ ވިދާޅުވީ، މޯދީގެ ދަތުރުފުޅާއި ގުޅިގެން އާންމު ދަތުރުފަތުރުތަކަށް ބަންދު ކުރި މަގުތައް އަލުން ހުޅުވާލާފައިވާ ކަމަށެވެ.

މޯދީގެ ދަތުރުފުޅުގައި ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގައި ވަނީ ތަޤުރީރު ކުރައްވާފައެވެ. އަދި ސަރުކާރާއި އެކު ރަސްމީ ވާހަކަފުޅުތައް ބާއްވަވާ ބައެއް އެއްބަސްވުންތަކުގައި ސޮއި ވެސް ކުރެއްވިއެވެ. މީގެ އިތުރުން އިންޑިއާ އިން ރާއްޖޭގައި ބަހައްޓާފައިވާ ރާޑަރު ސިސްޓަމްތައް ވެސް ވަނީ އިފްތިތާހްކޮށްފައެވެ.

ދެވަނަ ދައުރަކަށް ބޮޑުވަޒީރު ކަމާއި ހަވާލުވުމަށް ފަހު މޯދީ ގައުމުން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި މިއަދު މެންދުރު ފަހު މާލެ ވަޑައިގެންނެވިއިރު، މޯދީ މާލެ އިން ފުރައިވަޑައިގަންނަވާނީ މާދަމާ ހެނދުނު އެވެ.